ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-1 އިން ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން އިނގިރޭސި ލީގުކަޕްގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ހޯދި މޮޅާއެކު ސިޓީއަށް ދެ ވަނަ ލެގަށް ބޮޑު އެޑްވާންޓޭޖެއް ލިބިފައިވާއިރު، ސިޓީ އަކީ މި މުބާރާތުގެ އެންމެ ފަހުން 2 އަހަރުގެ ވެސް ޗެމްޕިއަން އެވެ. އެންމެ ފަހުން މި ދެ ޓީމު ލީގުގައި ބައްދަލުކުރި މެޗުން 2-1 އިން ސިޓީ ބަލިވެފައިވާއިރު، ރޭގެ މެޗުގައި ސިޓީ ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ސެންޓަރ ފޯވާޑަށް ކުޅޭ އެއްވެސް ކުޅުންތެރިއަކު ނުލާ، ގާޑިއޯލާ ސިޓީގެ ފުރަތަމަ 11 އަށް ސަޕްރައިޒިންގ ޓީމެއް ނެރުނުއިރު، ސިޓީ އަށް ރޭގެ މޮޅަކީ، ލީގުގައި ޔުނައިޓެޑް އަތުން ބަލިވި މެޗުގެ ރަނގަޅު ބަދަލު ހިފުމަކަށް ވާނެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ޔުނައިޓެޑް ކޮޅަށް 3 ލަނޑު ޖަހާފައެވެ. މިއީ 1997 ވަނަ އަހަރުގެ ފަހުން އިދިކޮޅު ޓީމަކުން ޔުނައިޓެޑްގެ އޯލްޑްޓްރޮފޯޑް ދަނޑުގައި ޔުނައިޓެޑް ކޮޅަށް ފުރަތަމަ ހާފުގެ ތެރޭގައި 3 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. ސިލްވާ ޔުނައިޓެޑްގެ އޭރިޔާގެ ވެސް ބޭރުން ވާއަތު ފައިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޔުނައިޓެޑްގެ ގޯލުގެ ވާއަތް ފަރާތު މަތީ ކަނަށެވެ.
އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ބާނާޑޯ ސިލްވާ ދިން މޮޅު ޕާހަކުން އެއްބުރުން ޖަހާ ގޯލަށް ވައްދާލައިގެން މާރޭޒް ސިޓީއަށް 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިންއިރު، ސިޓީގެ 3 ވަނަ ލަނޑަކީ ޔުނައިޓެޑްގެ އަންދުރޭސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭގެން މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ 70 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑެވެ.
ލީގުކަޕްގެ 2 ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ރާއްޖެ ގަޑިން 01:00 ގައި ލެސްޓާ ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު، ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ ޖަނަވަރީ މަހުގެ 29، 30 ދެ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް