ފަނޑިޔާރުންނާއި ގޭންގުތަކާއި ގުޅުމެއް ވޭތޯ ބެލުމަށް ޖޭއެސްސީން ކޮމިޓީއެއް އެކުލަވާލައިފި

ފަނޑިޔާރުން އައްޔަން ކުރުމުގައާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުމެއް ވޭތޯ ބެލުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް (ޖޭއެސްސީ) އިން ކޮމިޓީއެއް އެކުލަވާލައި އެކަމުގެ މަސައްކަތް ފަށައިފިއެވެ. ޖ...

08 Jan 2019 | 10:49

ފަނޑިޔާރުން އައްޔަން ކުރުމުގައާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުމެއް ވޭތޯ ބެލުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް (ޖޭއެސްސީ) އިން ކޮމިޓީއެއް އެކުލަވާލައި އެކަމުގެ މަސައްކަތް ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަންގެ ފަރާތުން 2018 ޑިސެމްބަރު 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،ފަނޑިޔާރުން އައްޔަން ކުރުމުގައާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮންނަ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ރައީސް އަލްއުސްތާޒް ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ދެނެގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކޮމިޓީއެއް އެކުލަވާލައި، އެކަމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

"ގާނޫނު ނަންބަރު 2018/10 (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެކަމުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި، އަދި ހަމަ މި މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ، ގާނޫނީ ގޮތުންމި ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުން ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާގޮތާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެ އުފެދޭ ގޮތަށް، އެއިން އެއްވެސް މައުލޫމާތެއް މިކޮމިޝަނާ ހިއްސާ ކުރުމެއްނެތި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުން މައްސަލަތައް ތަހްގީގުކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ފަރާތުން އެފަދަ ވާހަކަތަކެއް މީޑިއާއަށް އާންމުކުރުމަކީ މިކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވާކަމަށާއި އަދި ޝަރުއީ ދާއިރާގެ ހުރުމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ، އަދި ފަނޑިޔާރުންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމާއި ނުތަނަވަސްކަން އުފެދޭ މިފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް މި ކޮމިޝަނުން އިލްތިމާސް ކުރާކަމުގައިވެސް ޖޭއެސްސީގެ އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް