ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި އެބޭފުޅާގެ އާއިލާ ދިރިއުޅުއްވުން ހިލާލީ ގެއަށް ބަދަލުކުރައްވައިފިއެވެ.
ހިލާލީގެ ވަަރަށް ބޮޑަށް މަރާމާތު ކުރެއްވުމަށްފަހު ނައިބް ރައީސް ފައިސަލް ނަސީމް އެގެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ އިއްޔެ ހަވީރު 5:00 ޖަހާކަށް ހާއިރެވެ. ނައިބް ރައީސް އިއްޔެ ހިލާލީ ގެއަށް ވަޑައިގަންފައިވީ ނަމަވެސް، ރައީސް އިބްރާހިމް ސޯލިހް ވަނީ މިނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މުލިއާގެއަށް ވަޑައިގަންފައެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުން ނައިބް ރައީސް އުޅުއްވާ ގެކޮޅަށް ހަރަދު ކުރެއްވުމަށް 2.5 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، ރައީސް ދިރުއުޅުއްވާ ގެކޮޅަށް ހަރަދު ކުރެއްވުމަށް 31.5 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމަގުގައި، ޔާމިން އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ދިރިއުޅުއްވީ ހިލާލީ ގޭގައެވެ. އެމަނިކުފާނު މުލިއާގެ ބޭނުންފުޅު ކުރެއްވީ، އެމަނިކުފާނުގެ ސިޔާސީ ބޭނުންފުޅު ތަކަށާއި، އަދި އެމަނިކުފާނުގެ އަނބިކަނބަލުން ކުރިއަށް ގެންދަވާ މަސައްކަތްތައް ކުރެއްވުމަށެވެ.
ރާއްޖޭގައި ރައީސްކަން މި ފަހުން ކުރެއްވި ބޭފުޅުންގެ ތެރޭން ރައީސް މައުމޫނާއި އަދި ރައީސް ނަޝީދުވެސް ވަނީ މުލިއާގޭގައި އުޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް