ގައުމީ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވާލައްވައިފި

ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަލުން އެކުލަވައިލައްވައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވީ، އެކޮމިޓީގެ ތިން...

08 Jan 2018 | 13:08

ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަލުން އެކުލަވައިލައްވައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވީ، އެކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އަލަށް އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖުމްލަ ނުވަ ބޭފުޅުންނެވެ. އެއީ، ފިރިހެން ފަސް ބޭފުޅުންނާއި، އަންހެން ހަތަރު ބޭކަނބަލުންނެވެ.

ކޮމިޓީގެ ޗެއަރޕަރސަންއަކަށް ހަމަޖެއްސެވީ، މާފަންނު ލޮނުވެލި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ ފިއަވަނި އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ހެންވޭރު މާދޫގޭ އަލްފާޟިލް ޙުސައިން ޢާމިރާއި، ފާދިއްޕޮޅު ކުރެންދޫ ނޫރަންގޭ އަލްފާޟިލާ ޒުލްފާ އިބްރާހީމާއި، މާލެ ވިލިނގިލީ ފަހިދޫ އަލްފާޟިލާ ޝުހުދާ ފުއާދާއި، މާފަންނު ކާނިމާގޭ އަލްފާޟިލް މުޙައްމަދު އިކްރާމާއި، މާފަންނު ނޫވިލު އަލްފާޟިލް އަޙްމަދު ސުވައިބާއި، މާލެ ވިލިނގިލީ ކަންދު އަލްފާޟިލް ޙަސަންމަނިކާއި، މާފަންނު މާހިއާ އަލްފާޟިލާ ރަޙީމާ އާދަމެވެ.

ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

މިއަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް