ފާއިތުވީ ހަފްތާތެރޭ މާލޭގައި ހުންނަ އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން އެ މައްސަލަ ނުފޫޒުން އެއްކިބާވެތިބެ، އިންސާފްވެރިކަމާއެކު ތަޙްޤީޤްކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލައިފި އެވެ.
އެމްޑީޕީން ދިވެހި ފުލުހުންގެ މައްޗަށް މިގޮތަށް ގޮވާލާފައިވަނީ އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައިވަނީ މިދިޔަ ހަފްތާގައި ހިނގި މި އަނިޔާވެރި ހާދިސާގައި ތުހުމަތު ކުރެވޭ ފަރާތަކީ ސަރުކާރުގެ ސިޔަސީ ނުފޫޒު އޮތް ފަރާތަކާ ޢާއިލީ ގުޅުން އޮތް މީހެއް ކަމުގައި ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު ފުލުހުން މިކަމަށް ޖަވާބުދާރީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން ތިބި ތިބުމަކީ ރޭޕް ކުރާ މީހުންނަށް ހިމާޔަތްދީ އެފަދަ މީހުންނަށް ލިބޭ ހިތްވަރެއް ކަމުގައި ދެކޭ ކަމަށެވެ.
"ޖިންސީ އަނިޔާ ކުރުމާއި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުން އާންމުވެފައިވާއިރު، އެފަދަ މައްސަލަތައް ފެންމަތިވުމުން ދައުލަތުގެ އެންމެ މަތީ ފެންވަރުގައިވެސް އެކަންކަން ފޮރުވުމަށް މަސައްކަތްކޮށް، ޖިންސީ ފުރައްސާރަ ކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ސިޔާސީ ބޮޑެތި މަޤާމުތައް ދެމުން އަންނަކަމީ މިފަދަ ސަޤާފަތްތައް މުޖުތަމަޢުގައި ޢާންމުވުމަށް މަގުފަހިވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރޭޕް ކުރުން ފަދަ ބޮޑެތި ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމާއި އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާކަންވެސް މި ދަނޑިވަޅުގައި ފާހަގަ ކުރާ ކަމަށާއި މިފަދަ ބޮޑެތި ކުށްތައް އެކަށީގެންވާ އަވަސްމިނުގައި ނުބެލި، ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން ޢަމަލުކުރުމުން މުޖުތަމަޢުގެ ފޭރާން ބިކަވެ، ދިވެހިރާއްޖެ މިއަދު މިއަންނަނީ ޢަދުލު އިންސާފު ގެއްލި ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. އެހެންކަމުން މި ކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް، ވަކިން ޙާއްސަކޮށް ތުހުމަތު ކުރެވޭ ފަރާތާމެދު ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް ގޮވާލާ ކަމަށެވެ.
ރޭޕް އަކީ އަނިޔާވެރި ބޮޑު ކުށެއް ކަމަށްވީހިނދު، މިފަދަ އަނިޔާތައް ތަހައްމަލަކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އޯގާތެރިކަމާއެކު އެމީހުންގެ އެންމެހައި ކަންކަން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ދައުލަތުގެ ހުރިހާ ފަރާތްތަކަށް، ވަކިން ޙާއްސަކޮށް ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ގޮވާލާކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް