ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރުވަނީ ހައްލުކޮށްފައި ކަަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވި އުނދަގުލަށް މަޢާފަށް އެދޭ ކަމަށެވެ.
https://twitter.com/bankofmaldives/status/1468257170877653006
އެ ބޭންކުގެ ސިސްޓަމް އަޕްގްރޭޑު ކުރުމަށް މިދިޔަ ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވެސް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި މަސައްކަތް ކުރަމުން ދިޔަ އިރު، ކޮންމެ ދުވަހަކު ވެސް އައީ އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް މެދުކެނޑެމުން ނެވެ.
މިއީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމްތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އެ ބޭންކުން ބުނެފައިވަނީ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ޚިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވެދާނެކަމެއް ކަމަށެވެ.
މީގެ އިތުރުން ބޭންކަށް އަންދާސާކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ، ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަންއަންގާފައި ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔަރ ވިދާޅުވެފައިވަނީ އަޕްގްރޭޑްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށާއި އެފަދަ މައްސަލައެއް ދެން ދިމާނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް