ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
އޭނާއަށް ދައުވާކޮށްދިނުމަށް އެދުނީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށްވާތީ އެވެ.
އެ މަސައްކަތް ހަވާލު ކުރީ ސްޓެލްވާޓް މޯލްޑިވްސް އާއި އެވެ.
އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސްޓެލްވާޓްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު މީހުންނަކީ ވެސް އުމަރާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ދެ މީހުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ އެއީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ފަދަ ކްލޯޒް އެސޯސިއޭޓުން ކަމަށް ބުނެފައިވެ އެވެ.
މޮނިކޮން ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އޭރު ހޯމް މިނިސްޓްރީން އިއުލާނުކޮށް، އެކަމާ ގުޅޭ ކަންކަން ކުރިއަށްގެންދިޔައީ އާންމު އުސޫލާ ހިލާފަށް ސީދާ އުމަރުގެ ބެލުމާއި އިރުޝާދުގެ ދަށުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީ ޗެއާކަން ވެސް ކުރެއްވި ކަމަށް ބުންޏެވެ.
މިފަދަ ކަންކަން ހަވާލު ކުރާ ފަރާތެއް ކަނޑައަޅާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް ހޯމް މިނިސްޓްރީގެ އޭރުގެ ބިޑް ކޮމިޓީއަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭސީސީން ބުނެފައި ވަނީ ހަމައެކަނި ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް ސްޓެލްވާޓާ މަސައްކަތް ހަވާލުކުރުމުގެ ހުއްދައަށާއި އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 500،000 ރުފިޔާ ދިނުމުގެ ލަފައަށް އެދި އުމަރު ސޮއިކޮށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވި ކަމަށެވެ. އެ ފައިސާ ދިނީ އެ ކުންފުނިން ލޯނު ނަގަން ޖެހޭތީއާއި އެ ކުންފުންޏަށް މަސައްކަތް ފަށަން ފަސޭހައަކަށް ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް