ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގާފަރުގައި މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ މުނާސަބަތުގައި މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ކުރިއަށްގެންދާ މި ފޯރަމްގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާޢަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ، އެކަންކަން ހައްލުކުމަށް މަސައްކަތްކުރުން ކަމަށެވެ.
މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ތަރައްޤީކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދިރޭއެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ނޫރާއްޖެ ޕްރޮގްރާމް ގެ ތަޢާރަފްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމަމިއާއެކު މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ގާފަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރ ދިހަވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް