އިންޓަނޭޝަނަލް އެއާލައިންތައް ރެގިއުލޭޓް ކުރަން ޤަވާއިދެއް އެބަހަދަން: ނަހުލާ

ރާއްޖެއަށް އޮޕަރޭޓްކުރާ ބައިނަލްއަޤްވާމީ އެއާލައިންތައް އެއް ހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަން "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ...

07 Dec 2021 | 07:09

ރާއްޖެއަށް އޮޕަރޭޓްކުރާ ބައިނަލްއަޤްވާމީ އެއާލައިންތައް އެއް ހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަން "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ އޮޕަރޭޓް ކުރާ ބައިނަލްއަޤްވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓް ކުރަން ކުރާ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ޤަވައިދެއް ސިނާއަތުގެ ބައިވެރިންގެ މަޝްވަރާ އާއި ޚިޔާލާއި އެކު އެކުލަވައިލައި އާންމު ކުރުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.

އެ ކަމަނާ ވިދާޅުވީ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19 ގެ ކުރީގެ ހާލަތައް ރުޖޫޢަ ވުން ކަމަށާއި، އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ އިތުރަށް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުން ކަމުގައެވެ.

އެގޮތުން، ރާއްޖޭގެ އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަޝްރޫއުތައް މި އަހަރުވެސް ކުރިއަށް ގެންދިޔަ ކަމަށާއި އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ތިން އެއާލައިނަކަށް ދިނުމާއެކު ވީއައިއޭގެ އޭޕްރަންއަށް މުޅިން އަލަށް ބައިތަކެއް އިތުރުކޮށް ބޭނުން ކުރަން ފެށުމާއި ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސިވިލް އޭވިއޭޝަންގެ ފަންނީ ޤާބިލްކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމުގައި ވިދާޅުވެފައި ވެއެވެ. މިގޮތުން، ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަ ދިނުމަށް ތައްޔާރު ވުމުގެ ގޮތުން އިނގެރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ފަށައިގަނެވިފައި ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް