ރާއްޖޭގެ ފިލްމީ ދާއިރާގައި ކޮމެޑީ ރޯލު ކުޅުމުގައި އެފަދަ ދެވަނައެއް ނެތް ފަންނާނު ޢަލީ ޢާޒިމް (ދޮން އައްޔަ) އާއި އަންހެނުން ޙައްވާ ޖީނާ އަށް އަލަތު ދަރިފުޅު ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެެވެ. އަދި އަލަތު ދަރިފުޅު ދުނިޔޭގެ އަލިކަން ދެކެފައިވަނީ މި ޑިސެމްބަރ މަހުގެ ފަސްވަނަ ދުވަހުގެ ރެ އެވެ.
ދުވަސްއެމްވީއަށް ދޮންއައްޔަ ބުނީ ދެމައިންގެ ހާޅު ވެސް ރަނގަޅު ކަމަށެވެ.
"އަލްހަމްދުލިﷲ. ވަރަށް އުފާވެފަ މިހުރީ. އަލަތަށް ފިރިހެން ކުއްޖަކު ލިބުނީމަ އަސްލު ވެސް ވަރަށް އުފާވެއްޖެ. ދެމައިންގެ ހާލު ވެސް ހަމަަބަރާބަރު." ދޮން އައްޔަ ބުންޏެވެ.
އަލަތު ދަރިފުޅު ލިބުމުން ނުހަނު އުފަލުން ހުރި ދޮން އައްޔަ މުނިއަވަސް އަށް ބުނީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ދޮން އައްޔަ އާއި ޖީނާ ކައިވެނިކުރީ 06 އޮކްޓޫބަރު 2019ގައި ޢާއިލީ ކޯޓުގަ އެވެ.
ނެށުމުގެތެރެއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް ދޮން އައްޔަ މިހައިތަނަށް ވަނީ ގިނަ އުފެއްދުންތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އަދި ކޮމެޑީ ރޯލުތަކުން މަގުބޫލުކަން ހޯދިނަމަވެސް ދޮންއައްޔައަކީ ކޮންމެ ރޯލަކަށް ވެސް ފިޓް ފަންނާނެއްކަން ވެސް އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.
ދޮން އައްޔަގެ ހުނަރު ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި ނޯޓީ ފޯޓީ، ދެވަންސޫރަ، މަލިކާ، ފޯޓީ ޕްލަސް، ހައްދު، ބޮސް އަދި ދަޢުވަތު ފާހަގަކޮށްލެވެ އެވެ.
ފިލްމުތަކުގެ އިތުރުން ވެބް ސީރީޒްތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ދޮން އައްޔަ ވަނީ ހުވާ، ކަރުހަކުރު، ހުވާކޮށްފާ ބުނަން ފަދަ ސީރީޒްތަކުގައި ބޮޑު ރޯލެއް އަދާކޮށްފަ އެވެ.
މީގެ ތެރެއިން ވެސް "ކަރުހަކުރު" ގައި އޭނާ ކުޅެފައިވާ "ޒެކް" ގެ ރޯލަކީ ގިނަބައެއްގެ ތަރުހީބު ލިބިފައިވާ ރޯލެކެވެ.
ދޮން އައްޔައަށް ވަނީ ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިންގ ޕާފޯރމެންސް އެވޯޑް ލިބިފަ އެވެ.
ދޮން އައްޔަގެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުުމުގެ އުފަލުގައި ދުވަސްއެމްވީ ގެ ފަރާތުން ތަހުނިޔާ ފޮނުވަމެވެ. އަދި ދުޅަހެޔޮ ސިއްޙަތެއް ޢާއިލާއަށް ދެއްވުމަށް އެދި ދުޢާ ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް