އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން މާލޭ މައްޗަށް ކަރުދާސް އަޅައިފި އެވެ.
ރޭގަނޑު ދަންވަރު ވެމްކޯގެ މުވައްޒަފުން ނުކުމެ މާލޭ މަގުތައް ސާފުކޮށްފައި ވަނިކޮށް ގިނަ އަދަދެއްގެ ކަރުދާސް އަޅާފައިވާ ސަރަހައްދުތަކެއް ހެނދުނު ފެނިފައިވެ އެވެ. އެ ކަރުދާސްތަކުގައި އިންޑިއާ އައުޓް، ދިވެހިންނާއި އިނގިރޭސިން ލިޔެފައިވެ އެވެ.
މިފަދަ ނާތަހުޒީބު އަމަލެއް ހިންގާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ކެމްޕެއިން އިތުރަށް ފުޅާ ކުރުމަށް އިރުޝާދު ދެއްވާފައި ވަނިކޮށެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މިނިވަން ވުމާއި އެކު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ޔާމީން ވިދާޅުވީ އެ ކެމްޕެއިން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށެވެ.
ބެލެވޭ ގޮތުގައި މިއީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. އެކަމަކު މިކަމުން މަގުތަކުގެ ސާފުތާހިރުކަން ގެއްލި އާންމު ރައްޔިތުންނަށް އުނދަގޫވުން ނޫން ކަމެއް ނުވާނެ އެވެ.
އިދިކޮޅުގެ ކެމްޕެއިންގައި އިންޑިއާ އައުޓް ބޭނުން ކުރަމުންދާއިރު ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަކީ އިންޑިއާ ރައްޔިތުންނެވެ. އެމީހުންވެސް ހިމެނޭހެން އިންޑިއާ މީހުން ބޭރުވާން ގޮވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދެ އެވެ.
އިދިކޮޅު ލީޑަރުން ވިދާޅުވީ އެ ކެމްޕެއިނަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ އިންޑިއާ ރައްޔިތުންނަށް ނިސްބަތްކޮށް ކުރިޔަށް ގެންދާ ކެމްޕެއިނެއް ނޫން ކަމަށާއި އެއީ އިންޑިއާ އަސްކަރިއްޔާގެ ސިފައިން ފޭބުމަށް ގޮވާލާ ކުރާ ކެމްޕެއިނެއް ކަމަށެވެ. އެމްއެންޑީއެފުން ބުނީ ހެލިކޮޕްޓަރާއި އަސްކަރީ މަތިންދާބޯޑު ބެލެހެއްޓުމަށް އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް