ބީއެމްއެލް އިން ކުރިއަށްގެންދިޔަ "ހިނގާ މަހަށް" ދަތުރުގެ ބައިވެރިން މަހުން ލަފައިފި

މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ "ހިނގާ މަހަށް"، ދެ ދުވަހުގެ މަސްދަތުރު މިއަދު ނިންމާލައިފިއެވެ. ދެ ދޯންޏަކަށް ބައިވެރިން ބަހާލައ...

07 Dec 2019 | 14:00

މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ "ހިނގާ މަހަށް"، ދެ ދުވަހުގެ މަސްދަތުރު މިއަދު ނިންމާލައިފިއެވެ.

ދެ ދޯންޏަކަށް ބައިވެރިން ބަހާލައިގެން ކުރިއަށް ގެންދިޔަ މަސް ދަތުރުގައި ބޭންކްގެ މުވައްޒަފުންނާއި ސޯޝަލް މީޑިއާގައި HingaaMahah# މި ހޭޝްޓެގް ބޭނުންކޮށްގެން ހޮވާލެވުނު ފަރާތްތައް ބައިވެރިވެފައިވެއެވެ.

އިއްޔެ މެންދުރުފަހު ފެށި ދަތުރުގައި ބައިވެރިން ފުރަތަމަ ކުރިއަށް ގެންދިޔައީ ފަރުމަސް ބޭނުމުގެ ހަރަކާތެކެވެ. އެއަށްފަހު މިއަދު ފަތިހު ކަނޑަށް ދެ ދޯނި ނިކުމެ ދޮށީގެ ކަނޑުމަސްވެރިކަން މިއަދު ކުރުމަށްފަހު ދެ ދޯނިވެސް މިހާރު ވަނީ މަހުން ލަފާފައެވެ.

މި މަސްދަތުރު ކުރިއަށްދިޔައީ ދަތުރުގެ ބައިވެރިން އަމަލީ ގޮތުން މަސްވެރިކަން ކުރުމުގެ ކަންކަމުގައި ބައިވެރިވެގެންނެވެ. އެގޮތުން މަސްވެރިކަން ފެށުމުގެ ކުރިން އާލާތްތައް ތައްޔާރު ކުރުމާއި އެން ދަލުގެ ބާތައް ބައްދައި އެން ދެމުމުގެ އިތުރުން އެން އުކުމުގައިވެސް ދަތުރުގެ ބައިވެރިން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

މިއީ މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ރާވާފައިވެއެވެ.

އޭގެ ތެރޭގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ހުޅުމާލޭގައި ކުރިއަށްދާ މަސްވެރިންގެ އެކްސްޕޯ، މާދމާއިން ފެށިގެން އަނެއް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމް އަދި ހޯމަ ދުވަހު ކުރިއަށްގެންދާ މަސް ކެނޑުމުގެ މުބާރާތުގެ އިތުރުން އަންގާރަ ދުވަހު މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ބޭއްވުމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް