ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ކޯޅުންގަނޑަށް އަނެއްކާވެސް ޖާބިރު ދަރު އަޅައިފިއެވެ.
ޖާބިރާއި ރޮޒެއިނާގެ ހުޅުގަނޑު ރޯވެގެން ދިޔައީ އިއްޔެގެ ރައްޔިތުން މަޖިލިސް ޖަލްސާގައި ޖާބިރު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.
އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ ދެ ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހަށް ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.
ޖާބިރު އެދިވަޑައިގެންފައި ވަނީ މަޖިލިހުން އެ މައްސަލަ ބެލުމަށް ފަހު، ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެކަން ހުށަހަޅައި ދިނުމަށެވެ. ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ރޮޒެއިނާ ވަނީ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ގެސްޓްހައުސްއެއް އަޅުއްވައިފަ އެވެ.
ޖާބިރު ވިދާޅުވީ ރޮޒެއިނާގެ މައްސަލަ ބަލާ އިރު، އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ރޮޒެއިނާ މިއަދު ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ. ފުރަތަމަ ކުރެއްވި ޓްވީޓުގައި ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އައްޔަން ކުރުމަށް ނެގި ވޯޓުގައި ދިޔާނާ "ކަޓުވާލަން" ރޮޒެއިނާ މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ސައި ކޮޓަރީގައި އޭނާއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިމާލަށް ޖާބިރު ހަޅޭއްލެވި ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ޖާބިރު ވަޑައިގެން ރޮޒެއިނާއަށް ވަގަށް ގޮވުމަކުން ދިޔާނާ މަގާމަށް ނުލެވޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
"ދިޔާނާ ކަޓުވާލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން ދިޔާނާއަށް ވޯޓުދޭން މީހުން ބިރުގަތީ،" ރޮޒެއިނާ ވިދާޅުވިއެވެ.
މީގެއިތުރުން ރޮޒެއިނާ ދެވަނަށް ކުރެއްވި ޓްވީޓުގައި ވަނީ އޭނާއަށް ވަގަށް ގޮވަންޖެހޭ އެއްވެސް ސަބަބެއް ޖާގައެއް ނެތް ކަމަށާއި އޭނާއާ ގުޅޭ ގޮތުން ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓު ހެދޭނެ ނިޒާމެއް ބެހެއްޓުން ވަރަށް މުހިއްމު ކަމަށާއި އެހެން ގައުމުތަކުގައިވެސް އެފަދަ ޓެސްޓު ރެންޑަމްކޮށް ހަދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޖާބިރުވެސް ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭރުގެ ޑީއާރްޕީ ދޫކޮށް އެމްޑީޕީއަށް ރޮޒެއިނާ ގުޅިވަޑައިގަތް ގޮތާއި އަދި 18ވަނަ ރައްޔިތުން މަޖިލީހުގައި ބިލުތަކަށް ވޯޓު ދެއްވީ އެމްޑީޕީގެ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.
https://twitter.com/chairmanjabir/status/1192436994120413184?s=20
"އެމްއެމްޕީއާރްސީން ތަތްތެޅިފައި ހުރި ވާހަކަ، ހަރާން ލާރި ކާ ވާހަކަ. ތިއީ އެމްޑީޕީއަށް ފާވެފައި ހުރި ޖަރާސީމެއް،" ޖާބިރު ވިދާޅުވިއެވެ.
https://twitter.com/chairmanjabir/status/1192436996389498880?s=20
ދެވަނަ ޓްވީޓުގައި ޖާބިރު ވިދާޅުވީ ހަލާލު ގޮތުގައި އެއްޗެއް ހޯދެން އޮތަސް ބަލަނީ ހަރާން ގޮތުގައި އެ އެއްޗެއް ހޯދޭތޯ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް