ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތު ކޮށްފައިވާ ހަތަރު ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކޮށްދޭން ހުށަހަޅާފައިވާ ކަން އޭސީސީން "ދުވަސް"އަށް ކަށަވަރު ކޮށްދިނެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ އޭސީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެގޮތުން މި ހަތަރު ފަނޑިޔާރުން މެންދުރު ފަރިއްކުޅުވާ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މި ހަތަރު ފަނޑިޔާރުން މެންދުރު ފަރީއްކުޅުއްވަނީ ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް މުވައްޒަފަކު ފޮނުވައި ކާއެއްޗެހި ގެނެސްގެން ކޯޓު ތެރޭގައި ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝް އަކީ ފަނޑިޔާރުންގެ ފަރީއްކޮޅަށް ޚަރަދުކުރަން ހުންނަ ފައިސާއެއް ނޫން ކަން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މައްސަލަ ހުށަހެޅި ފަރާތުން އެދިފައި ވަނީ ކޯޓުގެ ޕެޓީ ކޭޝް، ގާނޫނާ ޚިލާފަށް ހަތަރު ފަނޑިޔާރުންގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެއްވުމާއި ކޯޓުގެ ވަސީލަތްތަކާއި މުވައްޒަފުން ފަނޑިޔާރުންގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުން ކުރައްވާ މައްސަލަ ބައްލަވައި ދެއްވުމަށެވެ.
ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅި އިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އަންނަނީ މި ފަނޑިޔާރުންގެ ސުލޫކީ އެތައް މައްސަލަތަކެއް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް