ނާޒިމްގެ އަނބިކަނބަލުން އަފާފުގެ ރައްދު ޖޭޕީއަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޖު...

07 Nov 2019 | 09:46

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަށް ނާޒިމްގެ އަނބިކަނބަލުން އަފާފު އަބްދުލް މަޖީދު ވަރުގަދަ ރައްދެއް އެޕާޓީއަށް ދީފިއެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވާ ވިދާޅުވީ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ޖުމްހޫރީ ޕާޓީއަށް ސިޔާސީ ގޮތުން މިހާރު ބަދަލުތަކެއް އައިސްފައިވާތީއާއި ޕާޓީ ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.

ނާޒިމްގެ އިސްތިއުފާއާ ގުޅޭ ގޮތުން ދާދިފަހުން ޕީޕީއެމްއިން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މިހާރު އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވިދާޅުވީ ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމަށް ނުހައްގުން ލިބުނު އަނިޔާއާއި ޖަލުގައި ބަންދު ކުރުމުން އެންމެ ބޮޑަށް ނާޒިމާއި އާއިލާއަށް އެހީވީ ގާސިމް ކަމަށެވެ. އާރިފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރަން ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތް ނުކުރެއްވި ނަމަ މިއަދު އާ ސަރުކާރު އައިސް އަނިޔާ ތަކުން މިންޖުވުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވާ އަފާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށާއި ނާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ގާސިމަށް އިހުލާސްތެރިއެއް ނުވާނެ ކަމަށެވެ. ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށް ވިދާޅުވެ އަފާފު ވިދާޅުވީ ނާޒިމަކީ ކުރިންވެސް އަދި މިއަދުވެސް އިހުލާސްތެރިއެއް ކަމަށެވެ.

https://twitter.com/afaaf7878/status/1192350280777490433?s=20

ނާޒިމްގެ އިތުރުން ވެސް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަށް ކުރި އަނިޔާ އާއި ނާއިންސާފާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވަން ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އަދި ފަހުން ދިމާވި އާލާސްކަންފުޅާ ގުޅިގެން އާއިލާ އާއި މަސައްކަތާ ދުރުގައި ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ހުންނަން ޖެހިވަޑައިގެން ކަމަށާއި އެ ހުރިހާ މަސައްކަތެއް ގާސިމް ކުރެއްވީ ޑިމޮކްރެސީ އާއި އިންސާނީ ކަރާމާތާއި އިންސާފުގެ ހައްގުގައި ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނާޒިމް ފަދަ ސިޔާސީ ބޭފުޅުންގެ ހައްގުގައި ގާސިމް ވެވަޑައިގެންނެވި ގުރުބާނީގެ މަތިން މިހާރު ހަނދާން ނެތް ކަމަށެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވާފައިވާއިރު ގާސިމްގެ އެޑްވައިޒަރަކަށް ރޭގެ ވަގުތެއްގައި ވަނީ ވިލުފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދު ހަމަޖައްސާފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް