މޯލްޑިވިއަށް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން މެކުހަށް ޖަހާ ފޯރި ގަދަކޮށްފިއެވެ.
އެގޮތުން ބުދަ ދުވަހުގެ ރޭ އަސްލަމްވަނީ ދ. ހުޅިދެލީ ކައުންސިލަރުންނާއި ގޮފިތަކުގެ ރައީސުންނާއި، އަދި ހުޅުމާލޭގައި އަސްލަމްއަށް ތާއިދުކުރާ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
މިބައްދަލުވުންތަކުގައި އެމްޑީޕީން ޕާޓީއެއްގެ ގޮތުގައި ކުރަން ހުރި މުހިއްމު މަސައްކަތްތަކާއި، އަދި ރައްޔިތުންގެ ހުރި ބައެއް ޝަކުވާތަކަށް، މަޤާމަށް އިންތިޚާބުވުމަށްފަހު ހައްލު ގެނެސްދޭނެ ގޮތްތަކުގެ މައްޗަށް އަސްލަމް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ.
އިންތިޚާބަށް އަސްލަމްގެ ތަސައްވުރެއް އޮތް އިރު މަޖިލީހުގައި އެންމެ ގިނަ ދުވަސްވަންދެން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރައްވަމުން ގެންދަވާ އަސްލަމްއަށް ޕީޖީގެ މެމްބަރުންގެ ތާއީދުވެސް ދަނީ ލިބެމުންދާކަމަށް އަސްލަމްގެ ކެމްޕޭނު ޓީމުން ބުނެއެވެ. އެގޮތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ ތާއީދުވެސް އަސްލަމްއަށް އޮތްކަން ވަނީ ހާމަކޮށްފައިވާކަމަށް ކެމްޕޭން ޓީމުން މައުލޫމާތު ދެއެވެ.
އެގޮތުން ބުދަ ދުވަހުގެރޭ އަސްލަމް ވަނީ މެމްބަރު ނިޔާޒާއި ބައްދަލުކޮށް ބައެއް ކަންކަމުގައި މަޝްވަރާކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. އަސްލަމް އާއި ވާދަކުރަނީ ކުރިންވެސް އެމްޑީޕީގައި ހުންނެވި ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އެމްޑީޕީގެ ރައީސް ކަމަށް ރައީސް ނަޝީދު ވަނީ ކުރިމަތިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް