ހާއްސަ އިނާމު 39 ފަރާތަކަށް ދޭން ނިންމައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދެއްވުމަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މިއަހަރު ރައީސް ދެއްވާ މެޑެލް ހާސިލު ކުރައްވާނެ ...

07 Nov 2019 | 08:13

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދެއްވުމަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

މިއަހަރު ރައީސް ދެއްވާ މެޑެލް ހާސިލު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުން ހިމެނެ އެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅުންނާއި ޤައުމީ ކުޅިވަރުގެ ދެ ޓީމު ހިމެނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިމަހުގެ 10ވާ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ސަރުކާރުން ދެއްވާ ބައެއް ހާއްސަ މެޑެލްވެސް މި ޖަލްސާގައި ރައީސް ދެއްވާނެއެވެ. އެގޮތުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި، 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލުކުރި 17 ދަރިވަރުންނަށް މެޑެލް ދެއްވާނެ އެވެ. މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ދެއްވުމާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ފަސް ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަށް ބެޖް ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް