ވިމެން އިންޓެކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ސްޓެމް ފެސްޓް 2019 ގެ އޮގަނައިޒަރުންނާއި ފެސްޓިވަލް ބޭއްވުމުގައި ބައިވެރިވާ ހޯސްޓިންގ ޕާރޓްނަރ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕޮރޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޗް.ޑީ.ސީ އާއި އެކު ޕާރޓްނަރޝިޕް އެގްރީމެންޓްގައި ސޮއި ކުރުން ކުރިއަށް ދިޔައީ މިއަދު ހެދުނު 09:30 ގައި އެޗް.ޑީ.ސީ އޮފީހުގައެވެ. އެފަރާތުން އެގްރީމެންޓްގައި ސޮއެކުރެއްވީ މެޖޭނިންގ ޑައިރެކްޓަރ އަލްފާޟިލް ސުހައިލް އަޙްމަދެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ސޮއެކުރެއްވީ އެންޖީއޯގެ ރައީސް ހަފްސަތު އަލީމެވެ.
މިހިނގާ ނޮވެމްބަރު މަހު 8 އަދި 9 ގައި ހުޅުމާލެ ސެންޓްރަލް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓްގެ މަގްސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް) ދާއިރާގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކުން ދެއްވާ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުމެވެ. މީގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު އާންމުންނާއި ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް މިދާއިރާގައި ލިބެން ހުރި ޚިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެ ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
ފެސްޓިވަލްގެ ހޯސްޓިންގ ޕާރޓްނަރުން ގެ އިތުރުން އެޗްޑީސީ އިން އިވެންޓްގެ އެގްޒިބިޓަރެއްގެ ގޮތުގައި ފެސްޓިވަލްގައި ބައިވެރިވާނެއެވެ. އެޗްޑީސީ އިން ބުނާގޮތުގައި ހުޅުމާލޭގައި ތައާރަފްކޮށްފައިވާ ސްމާޓް ސިޓީ ކޮންސެޕްޓްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ދައްކާލުން މި ސްޓޯލްގައި ކުރިއަށް ދާނެއެވެ.
މިފެސްޓިވަލްގައި މިހާތަނަ 20 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިރައިން އަދި މެތަމެޓިކްސް މި ހަތަރު ދާއިރާ ހިމެނޭ ގޮތަށް އެކި ފަންތީގެ އިދާރާތައް ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯ އަދި ޔުނިވަރސިޓީ ވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް