ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން "ދުވަސް"އަށް މިކަން ކަށަވަރު ކޮށްދެއްވާ ވިދާޅުވީ މި މަހުގެ17 ވަނަ ދުވަހު އެމަނިކުފާނުގެ ޝަރީއަތް އޮންނާނެ ކަމަށްބުނެ ޗިޓުވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުންތައް ނިމިފައިވާއިރު މި މަހުގެ ފަސްވަނަ ދުވަހަކީ އެމަނިކުފާނަށް ހުކުމް ކުރުމަށް އޮތް ދުވަހެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސްގާޒީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައެއްގައި ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑު ކުރައްވާފައެވެ. އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކަށް ލީ ފޮޓޯ ޕޯސްޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު އޮޅާފައިވާ މަންޒަރު އެ ފޮޓޯއިން ފެންނާތީއެވެ.
އެހެންކަމުން މިހާރު ކްރިމިނަލް ކޯޓު ހިންގުން ވަނީ ގާޒީ އަލީ ރަޝީދާއި ހަވާލު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް