އެކު،
އެކަކާއި އެކު އަނެކަކު،
ބަދަހިކަމާއި އެކު އާއިލާ،
އާއިލާ އާއި އެކު ހިތްހަމަޖެހުން،
އެއްބައިވަންތަކަމާއި އެކު ޒުވާނުން،
ޒުވާނުންނާއި އެކު އުއްމީދު،
އިލްމާއި އެކު ހުނަރު،
ހުނަރާއި އެކު ހިތްވަރު،
ދޭސީންނާއި އެކު ބިދޭސީން،
ގަދަރާއި އިޚްތިރާމާއި އެކު،
އެ އަވަށާއި އެކު މި އަވަށް،
އެކު އެކީ ގުޅިގެން،
އެކުވެރިކަމާއި، އަޅާލުމާއި، އަދި އޯގާތެރިކަމާއި އެކު،
އެކަނި ނުވީސް،
އެކު ނުވެ ނުވީސް،
އެކު އެކީ އެންމެން، އެންމެނާއި އެކު އުރީދޫ.
އުރީދޫ މޯލްޑިވްސް އިން ގައުމީ ދުވަހާއި ދިމާކޮށް ލޯންޗުކުރި އެ ކުންފުނީގެ އައު ކެމްޕޭން "އެކު" އާއެކު އާންމުކުރި ޅެމުގައި ދައްކާފައިމިވަނީ ގައުމުގެ ކޮންމެ ފަރުދަކުވެސް ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލަތަކަކާއި ގުޅުންހުރި ވާހަކަތަކެކެވެ.
ހިތާމަޔާއި ހިތްދަތިކަމުގެ ދަނޑިވަޅުތަކުގައި އަދި އުފަލާއި ހިތްހަމަޖެހޭ ވަގުތުތަކުގައި އެކަކާއެކު އެކަކާއި އެކު އަނެކަކު ހުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. މުޖްތަމައުގައި އެއްބައިވަންތަކަން އާލާކޮށް އެކުއެކީ އަތްތައް ގުޅާލައި ކަންކަމާ ކުރިމަތިލާން ޖެހޭ ކަމުގެ ވާހަކައެވެ.
އާއިލީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އާއިލާއެއްގެ އުފާވެރިކަމާ ހިތްހަމަޖެހުން ގުޅިފައިވަނީ އާއިލީ ގުޅުންތައް ދަމަހައްޓައިގެންކަމުގެ ވާހަކައެވެ.
ގައުމުގެ މޫނު ބަލާ ލޯގަނޑު ކަމުގައިވާ އަދި ގައުމުގެ އުންމީދު ކަމުގައިވާ ޒުވާން ޖީލު އެއްބައިވެ އެއް ބައެއް ވަންތަކަން އާލާ ކުރަން ޖެހޭ ކަމުގެ ވާހަކައެވެ.
ތައުލީމާ އިލްމާއި ހިލްމާއެކު ހުނަރުވެރި ބަޔަކަށް ވެވިދާނެ ކަމުގެ ވާހަކައެވެ. އަދި ލިބޭ ކޮންމެ ހުނަރަކާއެކު ކަންކަން ކުރުމުގެ ހިތްވަރު ލިބޭނެ ކަމުގެ ވާހަކަވެސް މެއެވެ.
ބިދޭސީންނަށް އިހާނެތިކޮށް ހިތުމާއި ފުރައްސާރަކުރުމުގެ ބަދަލުގައި ދޭސީންގެ ބިދޭސީންނަށް އަޅާލައި އޯގާތެރިވާންވީ ކަމުގެ ވާހަކައާއި މުޖްތަމައުގައި އެ ފަރާތްތަކަށްވެސް ގަދަރާއި އިހްތިރާމް ދޭންވީ ކަމުގެ ވާހަކައެވެ.
އަވަށު ވާދަވެރިކަން ދޫކޮށްލައި ރަށުގެ ކުރިއެރުމާއި މުސްތަގްބަލަށްޓަކައި ރަށުގެ ކޮންމެ ފަރުދަކުމެ އެކުއެކީ އަތްތައް ގުޅާލަން ވެއްޖެ ކަމުގެ ވާހަކައެވެ.
އެހީތެރިކަމާ އަޅާލުން ބޭނުންވާ ހަމަ ކޮންމެ ފަރުދަކަށްވެސް އިސް ނެގުމާއެކު އެހީތެރިކަން ފޯރުކޮށްދޭން ވީ ކަމުގެ ވާހަކަވެސް މެއެވެ. އެކުއެކީ އެންމެން ތިބެން ކުރާ އިލްތިމާސާއެކު އެންމެނާއެކު އުރީދޫ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގެ ވާހަކައެވެ.
މި ދިވެހި މުޖްތަމައުގައި އާންމު ދިރިއުޅުމާއި އަދި ހަމަ ކޮންމެ ދިވެއްސަކާއި ގުޅުންހުރި އެތައް އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. ބައެއް މައްސަލަތަކަކީ އެކަންކަމަށް ފަރުވާއެއް، ބޭހެއް، ޝިފާއެއް ނުހޯދައިފިނަމަ މަސްލަހަތު އިންތިހާއަށް ގޯސްވެ މި ކުޑަ ކުޑަ މުޖްތަމައު ބައިބައިވެދާފަދަ މައްސަލަތަކެވެ. އަދި ހަމަ އެހެންމެ ބައެއް މައްސަލަތަކަކީ ޒުވާން ޖީލު ހަލާކުގެތެރެއަށް ގެނބިގެން ގޮސް ގައުމުގެ މުސްތަގްބަލު ބަނަވެގެން ގޮސްދާނެފަދަ މައްސަލަތަކެވެ.
ހައްލަކީ އެކަކު އަނެކަކަށް އަޅާލުމެވެ. ރަނގަޅު ގޮތާއި ނުބައި ގޮތް ޒުވާނުންނަށާއި ކުޑަކުދިންނަށް ބުނެދީ ރަނގަޅު މަގު ކޮށައިދިނުމެވެ. އެއްބައިވަންތަކަމާއއި އެއްބައެއްވަންތަކަމާއެކު ކަންކަމާ ކުރިމަތިލައި ކަންކަން އިސްލާހުކުރުމެވެ. އާއިލީ ގުޅުމާއި ދޭދޭ ގުޅުންތައް ވަރުގަދަ ކުރުމެވެ. ނޭދެވޭ ކަންކަމުން ދުރުހެލިވެ މުޖްތަމައަށާއި ތިމާއަށް ފައިދާހުރި ކަންކަން އިސްކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް