ކުރީގެ އަދަދާ ގުޅޭ...
"ގޭމް އޮން" އެމެސެޖު ފެނުމުން ނަޒާންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ދެލޯ ބޮޑުވެ މޫނުމަތިން ދާހިއްލަން ފަށައިފިއެވެ.
"ޒާން ހިނގާ ބޭރަށް ފެނޭތޯ... މިތާ އެތެރެއަކު ނެތް..." ނަޒާންގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން ސުމާ ބުނެލިއެވެ.
"ނޫން ސުމް މަޑުކުރޭ.... އަހަރެން އަންނާނަން" މިހެން ބުނުމަށްފަހު ފަޔަށް ބާރުލާފައި އައިކޮޅަށް ނަޒާން ދުއްވައިގަތެވެ.
ނަޒާން ނިކުމެގެން ދިއުމުން ސުމާ އިތުރަށް ހޯލުތެރެ ބަލަން ފެށިއެވެ. ނަމަވެސް އެއްވެސް ދިމާލަކުން ޝައިލާގެ ހިލަމެއް ނުވިއެވެ. އަނެއްކާ ޝައިލާއަށް ކަމެއްވީ ހެއްޔެވެ؟ ހާސްވެފައި ޕާޓީތެރޭގައި ސުމާ ކޮޅުކޮޅު ބަލަން ހުރީއެވެ. ސަމާހުގެ ނަޒަރުވެސް ހުއްޓިފައި ހުރީ އޭނާއަށް ކަން އެނގިއްޖެއެވެ. ސަމާހު ވެސް އެއިންތިޒާރު ކުރަނީ ޝައިލާ އަންނާނެ އިރަކަށްކަން ޔަގީނެވެ. ސުމާ ހުރީ އެމަންޒަރު ނުފެންނަ ކަމަށް ހަދައިގެންނެވެ.
"ކޮބާ ޝައި؟ އަދިވެސް ނާދޭ؟" ސުމާގެ ފަހަތުން ކޮނޑުގައި ހިފައިލަމުން ޝާއިރާ އަހައިލިއެވެ. މަންމަ ފެނުމުން ސުމާގެ މޫނުމަތީގެ ހާސްކަން ފޮރުވޭތޯ މަސައްކަތްކުރިއެވެ.
"ޝައިގެ ރައްޓިއްސަކު އަންނަންދެން ހުރީ... އަދި ނާދޭ" ހަމަޖެހޭގޮތް ދައްކައިލަމުން ސުމާ ބުނެލިއެވެ.
"އާނ އަޑުއެހިން ކޮންމެވެސް މީހަކު ގެންނަ ވާހަކަ ދޯ؟ ޝައި އައީމަ އަވަހަށް މީހުން ގިނަނުވަނިސް ފެމެލީ ފޮޓޯއެއް ނަގަން އަންނައްޗޭ... މަންމަ މިދަނީ ރައްޓެހިންނާ ބައްދަލުކޮށްލަން" ސުމާގެ ކޮނޑުގައި ޖަހައިލުމަށްފަހު ޝާއިރާ ދުރަށް ހިނގައިގަތެވެ.
"ކޮބާ ޝައިލާ ރާނީ ނާންނަނީތަ؟" މިފަހަރު އައިސް ސުވާލުކޮށްލީ ޝަހާމާ އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސުމާ ދިނީ ޝާއިރާއަށް ވެސް ދިން ޖަވާބެވެ.
"އަނެއްކާ ކުއްޖަކާ ރައްޓެހިވީތަ؟" އިތުރު މައުލޫމާތު ހޯދުމުގެ ނިޔަތުގައި ޝަހާމާ އަނެއްކާ އަހައިލިއެވެ.
"ނޫނޭ ހަމަ ގާތް އެކުވެރިއެއް" ހިނިތުންވެލަމުން ސުމާ ބުނެލިއެވެ. ފަހަރަކު މީހަކު އައިސް އެސުވާލު ކުރާނެކަން ޔަގީނެވެ. ސުމާ ޖެހޭނީ ވަރަށް ހަމަޖެހޭގޮތް ދައްކައިގެން ހުންނާށެވެ.
***
ސައިކަލު ޕާކުކޮށްލުމަށްފަހު ނަޒާން ސިމައްޓެ ދިރިއުޅޭ ގެއަށްވަދެ ދުވަމުން ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ގޭގެ ބޮޑު ދޮރު ތަޅު ނުލައި ހުރިނަމަވެސް ސިމައްޓެ ދިރިއުޅޭ ކޮޓަރި ހުރީ ތަޅުލާފައެވެ. ނަޒާންގެ މޫނުމަތި ވަނީ ދަލުން ފޯވެފައެވެ. އޭނާ ހުރީ މާނޭވާ ލެވިފައެވެ. ބަލާން ނުހުރެ އަތުގައިހުރި ހުރިހާ ބާރެއްލާފައި އެކޮޓަރީގެ ދޮރުގައި ނަޒާން ތަޅަން ފަށައިފިއެވެ.
"ސިމައްޓެ ކައެ ދޮރު ހުޅުވާ" ނަޒާންގެ ބަރު ފިރިހެންވަންތަ އަޑުން ހަޅޭއްލަވަން ފަށައިފިއެވެ.
އިރުކޮޅެއްނުވެ އެތެރެއިން ދޮރުހުޅުވިއެވެ. ލަސްލަހުން ހުޅުވެމުންދިޔަ ދޮރުގައި ނަޒާން އަތް އަޅައި ބޮޑަށް ހުޅުވައިލިއެވެ. އެވަގުތު ދޮރު ހުޅުވި އިމާދު ދިޔައީ ކުއްލިއަކަށް ވިއްސައިގެންނެވެ. ނަޒާނަށް ސިހުމެއް ލިބުނީ އެނދުމަތީގައި އޮތް ޝައިލާގެ ބަނޑުމައްޗަށް އަރާ އިން ހަމްދާން ފެނުމުންނެވެ. އުޑުފައިން ޝައިލާގެ ބަނޑުމަތީ އިށީންދެ އިންއިރު އޭނާގެ އެއްއަތުން ޝައިލާގެ އިސްތަށިގަނޑުގައި އަދި އަނެއްއަތުން އޭނާ ހިފާފައި ހުރީ ޝައިލާގެ ދެކޮޅުގައެވެ. ޝައިލާ އަށް ރޮވެމުންދިޔައިރު އަނގައިން ވަނީ އަޑު ކެނޑިފައެވެ.
"އޭތް" ދެލޯ ބޮޑުކޮށްކަމުން ނަޒާން ދުވެފައި ގޮސް ހަމްދާން ލައިގެން އިން ޓީޝާޓުގެ ކަރުގައި ފަހަތުން ހިފައި އޭނާ އެނދުން ވައްޓައިލިއެވެ. ހަމްދާން ގޮސް ޖެހުނީ ކުރިމަތީގައި ހުރި ސޯފާގައެވެ. ނަޒާނަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް އިމާދު އައިސް ފަހަތުން ނަޒާންގެ ގަމީހުގެ ގިރުވާނުގައި ހިފައި ފަހަތަށް ވައްޓައިލިއެވެ. އެވަގުތު ސޯފާއިން ތެދުވެގެން ގޮސް ހަމްދާން އަނެއްކާވެސް ޝައިލާ ކޮލުގައި ހިފައިލިއެވެ.
"އަތްނުލައްޗޭ އިނގޭ" ނަޒާން އަނެއްކާވެސް ތެދުވެގެން ގޮސް ހަމްދާން ނަގާ ވައްޓައިލިއެވެ. އަދި ހަމްދާންގެ ބަނޑުމަތީގައި އުޑުފައިން އިށީންދެ އިނދެ މޫނުމަތީގައި ދެތިންފަހަރު ގޮށް މުށުން ޖެހިއެވެ. ދެމީހުން މަސްތުގެ ހާލުގައި ތިބެ ނަޒާނާ ދިމާލަށް ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުން ދިޔައެވެ.
އެނދުމަތީ ޝައިލާ އޮތީ ގުޑައިލަންވެސް ނުކެރިފައެވެ. އޭނާ އެވަނީ ނޭވާ ހާސްވެފައެވެ. ނަޒާން ދެފިރިހެނުންނާ އޮޅުލަމުން ދިޔަ މަންޒަރު ޝައިލާ އަށް ފެންނަނީ ފުސްކޮށެވެ. ނަޒާން އެތަނަށް އައިސް ދެޖަނަވާރުންގެ ކިބައިން އޭނާ ސަލާމާތް ކުރާނެ ކަމަކަށް އުންމިދެއްވެސް ނުކުރެއެވެ. ނަމަވެސް ނަޒާން އައިސް އޭނާއަށްޓަކައި ދެފިރިހެނުންނާ އޮޅުލާ މަންޒަރު ފެނުމުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. މީގެ އިރުކޮޅެއް ކުރިން ހީވީ އޭނާގެ މާޒީ ކުރިމައްޗަށް އައިހެންނެވެ. އެރޭގެ އެބިރުވެރި ހާދިސާ އަލުން ތަކުރާރުވަނީހެން ވެސް ހީވިއެވެ.
ހަމްދާންގެ ނޭފަތުންނާއި އަނގައިން ލޭ އަންނަންދެން ނަޒާން އޭނާގެ މޫނުގައި ތެޅިއެވެ. ފަހަތުން އިމާދު އައިސް އޭނާ ނެގޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނަޒާނަށް މިވަގުތު ލިބިފައި އެހުރީ މާ ވަރުގަދަ ބާރެކެވެ. އެއީ ލޯބީގެ ބާރެކެވެ. ދެވަނަ ފަހަރަށް ޝައިލާ އަށް އެފަދަ އަނިޔާއެއް ލިބެން އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
"އޭ ކައެމެން ހޭބަލި ވަނީތަ؟ ނަޒޭ އޭ.." ކޮޓަރިއަށް ވަދެގެން އައި ސިމައްޓެ ދިޔައީ ސިއްސައިގެންނެވެ. ސިމައްޓެ ބާރަށް އައިސް ނަޒާންގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ނަމަވެސް ނަޒާން މަސައްކަތް ކުރީ ސިމައްޓެގެ އަތުން ވީއްލިގަނެގެން ތަޅަންމަތީ އޮތް ހަމްދާނަށް ހަމަލާދެވޭތޯ އެވެ.
"ނަޒޭ ހަމަޖެބެ ބުރޯ އޭ... ކޮންކަމެއްމީ އިންމަ އޭ..." ނަޒާނާ ދިމާލަށް އައި އިމާދު ހުއްޓުވަމުން ސިމައްޓެ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މިރޭ ސިމައްޓެ ނައިނަމަ ކޮންމެވެސް އެކަކު ނަޒާންގެ އަތުން މަރުވާނެކަން ޔަގީނެވެ.
"ނަޒޭ ކައެ ދޭ މަންޖެ ގޮވައިގެން މަ ހަމައަކަށް އަޅުވާނަން..." ވަރަށް ހަމަޖެހިލާފައި ސިމައްޓެ ބުނެލިއެވެ. ނަމަވެސް ނަޒާނަށް އެގޮތެއް ކަމަކު ނުދިޔައެވެ.
"ކައެ ބުނެގެންތަ ޝައިލާ މިތަނަށް ގެނެސް އޭނައާ ބެހެން އުޅުނީ؟ މަ ބުނިން ދޯ އިންމަ ކައެ ކައިރީ ވައިވެސް ނޭޅެއްޗޭ..." ނަޒާންގެ ދެލޯ ހުރީ ރަތްވެފައެވެ.
"މީހަކު ބުނެގެންނެއް ނޫން ބުރޯ މަންޖެ ގެނައީއެއް... އަހަރެން ވަހުޝީވެގެން ހަމަ" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން އިމާދު ބުނެލިއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އަނގަ ވައްޓާލައިގެންނެވެ. އިމާދަށް ރަގަޅަށް ހަމަބިމުގައި ކޮޅަށްވެސް ނުހުރެވެއެވެ.
"ކިހާ ހިތްކިޔާ ވައްތަރަކަށް ހުންނަ ރީތި މަންޖެއެއް... އަހަރެންނަށް ދީފަ ދޭބަލަ އެއްރެއަށް" ފާޑަކަށް ހެމުން އަނެއްކާވެސް އިމާދު ބުނެލިއެވެ.
"އޭ ކައެ ނުބަލައްޗޭ އޭނައާ ދިމާލަށް ދެލޯ ކޮނެލާނަން" ސިމައްޓެގެ އަތުން ދެމިގަތުމަށްފަހު އިމާދު ގެންގޮސް ފާރުގައި ތަތްކޮށްލަމުން ނަޒާން ބުނެލިއެވެ. ސިމައްޓެ އައިސް ނަޒާން އަނެއްކާވެސް ދުރުކޮށްލިއެވެ.
***
"ކޮބާތަ ޝައި މިހާރު ޕާޓީ ނިމެނީއޭ" ސަމާހަށް ހުރިތަނުގައި ނުހުރެވިގެން އެންމެފަހުން އައިސް ސުމާ ކައިރީ އަހައިލިއެވެ.
"އެބަ އާދެޔޭ ދޮންބެ ހާސްނުވެބަލަ" އެތެރެއިން ސުމާ ހުރީ ވިރިވިރި އެވެ. އޭނާ ވެސް ހުރީ ނަޒާން އަދި ޝައިލާ ލަސްވެގެން ވަރަށް ހާސްވެފައެވެ. ނަމަވެސް ހަގީގަތް ހާމަކޮށްފިނަމަ މިޕާޓީގެ ހުރިހާ އުފާވެރިކަމެއް ނެތި ހިނގައިދާނެ އެވެ.
"ދެން އެކަމަކު ޕާޓީ ނިމެންދޯ މިއުޅެނީ ޝައި ނާންނާތީ ފޮޓޯވެސް ނުނެގިފަ އެންމެން" ސަމާހު ވަރަށް ހާސްވެފައިހުރިކަން އޭނާގެ މޫނުމަތިން ވަރަށް ބޮޑަށް އެނގެން ހުއްޓެވެ.
"މިހުރީނު ސަމާހު މަރުހަބާ" ފަހަތުން ފިރިހެނަކު ގޮވައިލުމުން ސަމާހު ޖެހުނީ އެމީހާ އާއި އެކީ ދާށެވެ. ސަމާހު ދިއުމުން ސުމާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނަޒާންގެ ނަމްބަރަށް ގުޅައިލިއެވެ. އޭނާ މިހާރު ނަޒާނަށް ގުޅި އަދަދެއްވެސް ނޭންގެއެވެ. އެތައް ފަހަރަކު ބޭރަށް ވެސް ނިކުމެއްޖެ އެވެ. އަނެއްކާ ބޮޑު ކަމެއް ދިމާވީހެއްޔެވެ؟
***
ސިމައްޓެ އައިސް މާހައުލު ކޮންޓްރޯލް ކުރުމުން އެނދުމަތީ އޮތް ޝައިލާ ކޮޅަށް ނަގައިގެން ދާން ނަޒާން ހިނގައިގަތެވެ. އޭރު ޝައިލާގެ މުޅި ހަށިގަނޑުން ދިޔައީ ތުރުތުރު އަޅަމުންނެވެ. ތަޅަންމަތީ ފައިޖެހުނު ނަމަވެސް އޭނާ ހުރީ ހިނގައިނުގަނެވިއެވެ. އެނާގެ ދެކޮލަށް ވަނީ ހަމްދާންގެ އަތްތިލަ ރީއްޗަށް އަރައިފައެވެ.
"ނަޒޭ ކައެއަށް މިރޭ ސަލާމަތުން ދެވުނަސް ކައެއަށް މިކަމުގެ ހަސްކާ އަދި އަންނާނެ... މީ އަދި ފެށުމެއް... މަންޖެ ކޮށްޓަކަށް ލައިގެން އުޅޭތި!" ތަޅަންމަތީ އެއޮތްގޮތަށް އޮވެ ހަމްދާން ބުނެލިއެވެ. އެމީހުންނާ ތަޅާފޮޅުމަށްވުރެ ޝައިލާ މިތަނުން ނެރުން މިވަގުތު މާމުހިންމެވެ.
ބިރުންގޮސް ޝައިލާގެ މުޅި ހަށިގަނޑު ވަނީ ގަނޑުފެންކޮޅެއްހާ ފިނިވެފައެވެ. ޝައިލާ އަށް ހިނގައިނުގަނެވުމުން ނަޒާންގެ އަތްދަނޑި މައްޗަށް އޭނާ ނެގިއެވެ. ލައިގެންހުރި ދިގުހެދުމުގެ ފަސްބައި ކަނާއަތް ތެރެއަށް ބޮނޑީކޮށްލަމުން ވަރަށް ހުޝިޔާރު ކަމާއި އެކީ ޝައިލާ ގޮވައިގެން ނަޒާން ސިޑިން ފޭބިއެވެ. ނަޒާންގެ ކަނދުރާގައި ދެއަތް ވަށައިލައިގެން ކަރުގައި މޫނު ފޮރުވައިގެން އޮތް ނަމަވެސް ޝައިލާ ގިސްލަމުންދިޔަ އަޑު އޭނާއަށް ރީއްޗަށް އިވެމުންދިޔައެވެ.
ސައިކަލު ކައިރީ ޝައިލާ ބެހެއްޓުމުން ފުރަތަމަވެސް އޭނާ ނަޒާންގެ ގައިގައި ބައްދައިލިއެވެ. އެވަގުތު އަޑުން އަޑުނަގައި ޝައިލާއަށް ރޮވެމުންދިޔައެވެ.
"ޝްޝްޝް... ޒާން މިއައޭ ދެން ހުއްޓާލަބަލަ" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ނަޒާން ބުނެލިއެވެ.
***
ޕާޓީ ނިމި މިހާރު އެންމެން ތިބީ ގެއަށް އައިހެވެ. ސުމާގެ ބަހަށް އިތުބާރުކޮށްގެން އެންމެން ތިބިނަމަވެސް އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
"ޕޮލިހަށް ގުޅަންވީތަ؟ ސުމާއަށް އެނގެންޏާ ބުނެބަލަ ޝައިލާ ދިޔަތަނެއް ހެޔޮނުވާނެ!!" ލައިގެންހުރި ކޯޓު ބޭލުމަށްފަހު ސޯފާމައްޗަށް އެއްލައިލަމުން ސަމާހު ބާރަށް ބުނެލިއެވެ. ކައިވެނި ޕާޓީއެއް ނިންމާފައި އައިއިރު އެންމެންވެސް ތިބީ ހާސްވެފައެވެ. އެކަކުގެ މޫނުމައްޗަކުންވެސް އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ.
ސަމާހަށް މިހާ ހާއްސަ ރެއެއްގައި ލޯބިވާ ކޮއްކޮ ވީތަނެއްނޭންގި ކުއްލިއަކަށް ގެއްލުމުން އޭނާ ހުރީ ފާޅުކުރަންވީ އިހުސާސެއްވެސް ނޭންގިފައެވެ. ދެރަވާންވީ ކަމެއް ނުވަތަ އޭނާގެ މިހާއްސަ ރޭ ޝައިލާ ޕާޓީ ދޫކޮށް ދިއުމުން ރުޅި އަންނަންވީކަމެއް އޭނާއަކަށް ނޭންގެއެވެ. ޖުމާ ވެސް އިނީ އެބޮޑު ކައިވެނީގެ ހެދުމުގައި ސޯފާގައެވެ. އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ މިފަދަ ގޮތަކަށް ދާތީ ޖުމާ އިނީ ހިތްހަމަނުޖެހިފައެވެ.
"ގުޅާބަލަ ޝައިލާ އަށް ދެން މިހާރު ގަޑިން އެގާރަ ޖަހައި ބޮޑުވީއޭ" ހާސްކަމުގެ ތެރެއިން ސަމާހުގެ ރުޅިވެސް ގަދަވެއްޖެ އެވެ. ސުމާއާއި ދިމާލަށް ބާރަށް ބުނި އެޖުމްލައިން އެންމެން ވެސް ހައިރާންވެއްޖެ އެވެ.
"ސަމާހް ހަމަޖެހިބަލަ" ސަމާހުގެ ކޮނޑުގައި ހިފައިލަމުން ޔާސިރު ބުނެލިއެވެ. ހުއްޓާނުލައި ސުމާ ދިޔައީ ނަޒާންގެ ފޯނަށް ގުޅަމުންނެވެ. ނަމަވެސް މިހާރު އެނަމްބަރު އެވަނީ ނިއްވާލައިފައެވެ.
"ސުމާ ބުނެގެން ހޯދަން ނުގޮސްވެސް މިތިބެނީ ދެން... ޝައި އެދިޔައީ ކާކާ އެކީކަމެއްވެސް އަހަރެމެންނަކަށް ނޭންގެ... އަނެއްކާ ކަމެއްވީބާ؟" މިފަހަރު ވާހަކަދެއްކީ ޝާއިރާއެވެ. ކުރީރޭގައި ހިނގާދިޔަ ހާދިސާ މަތިން ހަނދާންވުމުން ސުމާ ވެސް ހިސާބަކަށް ބިރުގަންނަން ފަށައިފިއެވެ. ނަމަވެސް އޭނާ ނަޒާނަށް އިތުބާރު ކުރެއެވެ.
"ޝައި މިހާރު ނޯމަލްއޭ... ހާސްނުވެބަލަ އެއީ މިހާރު ހަމަ ކުރީގެ ޝައި" ސުމާ ބުނެލިއެވެ. ސުމާ ބުނި ޖުމްލައިން އެންމެން އޭނާގެ މޫނަށް ބަލަންފެށިއެވެ. އެވާހަކަ ނުބުނެވި އޮތީތީ ސުމާ އިސްޖަހައިލިއެވެ.
"ޔެސް ޝައި އިޒް ނޯމަލް..." އަނެއްކާވެސް ސުމާ ބުނެލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް