ބަންގާޅު ކަނޑުގައި މީގެ ދެ ދުވަސް ކުރިން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "ބުލް ބުލް" އެވެ.
ގަޑިއަކު ފަސް ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރަމުން އަންނަ މި ތޫފާނުގެ މިސްރާބު ހުރީ އިންޑިއާގެ އޮޑީޝާ އާއި ދިމާއަށެވެ.
ދިއްލީގައި ހުންނަ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ތޫފާނާއި ގުޅިގެން އިންޑިއާވެސް ހިމެނޭހެން ވައިގަދަވެ ވިއްސާރަވުން އެކަށީގެންވެއެވެ. ނަމަވެސް ނުރައްކާވާ ހިސާބަށް މޫސުން ގޯސްވެދާނެ ކަމަށް އަދި އަންދާޒާ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އަންޑަމަން ކަނޑާއި ބަންގާޅު ކަނޑަށް މަސްވެރިކަމު ނުކުތުން ރައްކާތެރި ނޫން ކަމަށް ބުނެފައިވެއެވެ.
ތޫފާން ބުލް ބުލް އުފެދި މަޑު ސްޕީޑެއްގައި ދަތުރުކުރަމުން އަންނައިރު ރާއްޖެ ސަރަހައްދުގައި އުފެދި އަރަބިކަނޑަށް ދަތުރުކޮށްފައިވާ ތޫފާން މަހާގެ ބާރު މިހާރު އަންނަނީ ދަށް ވަމުންނެވެ.
މި ތޫފާނަށް ދީފައިވާ "ބުލް ބުލް" މި ނަމަކީ ޕާކިސްތާނުން ދީފައިވާ ނަމެކެވެ. ތޫފާން "މަހާ" މި ނަމަކީ އޮމާނުން ދީފައިވާ ނަމެކެވެ. ދެން މި ސަރަހައްދުގައި އުފެދޭ ތޫފާނަކަށް ދޭނެ ނަމަކީ ޕަވަން އެވެ. އެއީ ސްރީ ލަންކާއިން ދީފައިވާ ނަމެކެވެ.
ތޫފާން ބުލް ބުލް އުފެދިފައިވަނީ ރާއްޖެއާއި ދުރު ސަރަހައްދެއްގައި ކަމަށްވެފައި އަދި ދަތުރުކުރަމުން އަންނަނީވެސް ރާއްޖެއާއި ދުރަށް ކަމަށްވުމުން މި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް