އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ބޭފުޅުންނާއި މިއަދު އިންޓަވިއު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބު:
1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި
2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
4- ފާތުމަތު ސައުޝަން، މ. ވެންކޫވަ
ޓީވީން ލައިވްކޮށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުން ފަޔާޒު ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް އެއްވަރަކަށް މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ވަރަށް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ފަޔާޒު ވިދާޅުވިއެވެ.
"ނަމަވެސް ގޮންޖެހުންތައް ގިރާކޮށް އުފައްދަންޖެހޭ ގުޅުންތައް އުފައްދައިގެން އެ ކުރަންޖެހޭ ލޮބީތައް ކޮށްގެން އެކަން ކުރުމަކީ އިންފޮމޭޝަން ކޮމީޝަނަރަކަށް ހުންނަ މީހަކު ކުރަންޖެހޭ ކަމެއް. އަޅުގަނޑަށް އެކަންތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ފަޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޅި ގަވަނެންސްގެ އެންމެ މުހިއްމު އަސާސަކީ މައުލޫމާތު ހޯދުން ކަމަށެވެ. ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނީ ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ކޮމެޓީގައި ރައީސުލްޖުމްހޫރިއްޔާ އިންފޮމޭޝަން ކޮމިޝަނަރަށް އައްޔަން ކުރެއްވުމަށް ފޮނުއްވި ފިޔާޒާއި ވެސް އިންޓަވިއު ކުރެއްވިއެވެ. ފިޔާޒު ވިދާޅުވީ އޭނާގެ މަސައްކަތަކަށް ވާނީ ރައްޔިތުންނަށް ވީހާވެސް އަވަހަށް މައުލޫމާތު ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި އޭނާ ސިއްރު ކުރަންޖެހޭ އެއްވެސް އެއްޗެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އެ މަގާމުގައި ކުރިން ހުންނެވީ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް