މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކަށް ބުރަ ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުން ދެއްވާ ކަމަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލައާ ގުޅުންހުރި ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި އެ މައްސަލައަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު ވިދާޅުވީ މައްސަލައާ ގުޅިގެން އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.
https://twitter.com/M_Hameedh/status/1181189896087539712?s=20
ކޮމިޝަނަރު އޮފް ޕޮލިސް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށާއި އެ ކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އާއްމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަަކާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެއިތުރުން މި މައްސަލާގައި އެމްޑީއެންއިން އުވާލާ އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށް ގިނަބަޔަކު ގޮވަމުން އަންނައިރު އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން ނޫޝިން ހަމީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް