އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން ނޫޝިން އިސްތިއުފާ ދީފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ނޫޝިން އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. ނަމަވެސް އިސްތ...

07 Oct 2019 | 10:48

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނޫޝިން އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނޭނގެއެވެ.

ނޫޝިންއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަބަޔަކު އަންނަނީ ނޫޝިން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި މީގެކުރިން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންވެސް ހިމެނެއެވެ.

ނޫޝިން އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީއެންއިން ވަނީ 2015ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށްބުނެ ގިނަ އަދަދެއްގެ ބަޔަކު އެ ޖަމިއްޔާގެ އިސްވެރިް ހައްޔަރުކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015ވަނަ އަހަރު ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި ކީރިތި ރަސޫލާއަށް އަށް ބަދު ބަސް ބުނެފައިވާ ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް