އެމްޑީއެން މައްސަލާގައި ފިޔަވަޅު އަޅާނަން: ރައީސް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށާއި އެ ކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައ...

07 Oct 2019 | 10:10

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށާއި އެ ކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އާއްމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަަކާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ދީނީ ޝިއާރު ފާޅުކުރުމުގައާ ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ އަސާސީ ހައްގުތައް ބޭނުން ހިފުމުގައި މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމްދީނުގެ މަތިވެރި އަސްލުތަކާއި ހިލާފު ނުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ އެ ޒިންމާގެ މަތީގައި ދެމި ހުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ސޯޝަލް މީޑިއާގައި އާއްމު ރައްޔިތުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވަމުންނެވެ. މިކަމާއި ގުޅޭގޮތުން މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި މަޖިލީހުގައި މި މައްސަލައިގެ ބަހުސްގެ ތެރެއިން ވަނީ ބޮޑެތި ޒުވާބުތަކެއް ކުރިއަށް ގޮސްފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހްގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް