ހުކުމް ތަންފީޒުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ވެއްޖެއެވެ.
އަލީ ހަމީދު ހައްޔަރުކޮށް ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނު ހައްޔަރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ. އަދި އަލީ ހަމީދު ހައްޔަރު ކުރިއިރު ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނު ކޮށްފައެވެ.
އެ މައްސަލާގައި ފުލުހުން އަލީ ހަމީދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހައްޔަރުކުރިއެވެ.
މި މައްސަލާގައި އަލީ ހަމީދަށް ދެ ދައުވާކޮށް، އެ ދެ ދައުވާވެސް ސާބިތުވުމުން ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާއާ ތަހުގީގަށް ފޯނު ނުދިން މައްސަލައެވެ. އެ ދެ މައްސަލައިގެ ތެރެއިން ފޯނު ނުދިން މައްސަލައިގެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި ދެބޭފުޅުން އެމަނިކުފާނުގެ ވެރިކަމެއްގައި މިނިވަން ކުރާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިތާ ކައިރީގައި މި އަލީ ހަމީދު އަދި އަބްދުﷲ ސައީދު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
އަލީ ހަމީދު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދިވެސް ހުންނެވީ ބަންދުގައެވެ. އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގައެވެ. ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޑިސެމްބަރު މަސް ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް