ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާ ފާހަގަކުރުމުގެ ގޮތުން އެމްޓީސީސީން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
"ހިނިތުންވުމާއެކު" ގެ ނަމުގައި އެމްޓީސީސީން ފެށި މި ކެމްޕޭނުގެ މަގްޞަދަކީ، ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމަރ ސާވިސްގެ މުހިންމު ކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، އެ ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަގަޅު ކުރުމުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީގެ ފެންނާ ގިމަތީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި ކެމްޕޭނު ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. ކަސްޓަމަރ ސާވިސް ހަފްތާ ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ.
އެމްޓީސީސީން ބުނިގޮތުގައި، މި ކެމްޕޭނުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ މެދުގައި އިތުރަށް ގުޅުންބަދަހިވެ، ކުންފުންޏާއި ދޭތެރޭ ކަސްޓަމަރުންގެ އިތުބާރު އިތުރުވެގެން ދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، އެމްޓީސީސީ އަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި، ތަފާތު ސިނާއަތްތަކުގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ. އަދި އެކުންފުންނިން އަބަދުވެސް ކަސްޓަމަރުންނަށް ރަގަޅު ޚިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށާއި، މި ކެމްޕޭނުގެ ސަބަބުން އެކަން ހަރުދަނާވެގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް