ރާއްޖެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދުއްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 15...

07 Oct 2019 | 06:06

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދުއްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރި ބޯޓަކުން ކަމަށެވެ. މި ބޯޓުގެ މައުލޫމާތު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ އޮފިޝަލުންނަށް ލިބިފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ. ބޯޓު ހިފެހެއްޓިއިރު އޮތީ ކެރެލާގެ 500 މޭލު ބޭރުގައެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލަދީ އެ ނޫހުގައި ބުނެފައި ވަނީ، އެ ބޯޓަށް އިރުޝާދު ދެމުން ދިޔައީ ޕާކިސްތާނުން ކަމަށާއި، ބޯޓު ދަތުރު ކުރަމުން ދިޔައީ ކޮން ތަނަކަށް ކަން އެނގިފައިނުވާ ކަމަށެވެ. އިންޑިއާއިން ދެމުން ދިޔަ އިރުޝާދު ތަކާއި އެއްގޮތަށް އެ ބޯޓު ހިފެހެއްޓުމަށް ލަންކާ އާއި ރާއްޖޭގެ ކޯސްޓުގާޑުން ވަނީ އެހީވެފަ އެވެ.

އިންޑިއާގެ އޮފިޝަލަކު ބުނިގޮތުގައި، އެބޯޓު އަތުލައިގަނެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށާއި، ރާއްޖޭގެ ކޯސްޓްގާޑުން ވަނީ އެކަމަށް އެހީތެރިވެފައެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ، އިންޑިއާ އިން ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑަށް މައުލޫމާތު ހިއްސާކޮށް އެ ދެ ގައުމުން ވެސް ބޯޓަށް ފާރަލަމުން ދިޔަ ކަމަށެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި، މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މިފަދަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން އިންޑިއާ ކަނޑުން ދަތުރުކުރި އުޅަނދެއް އަތުލައިގަނެވުނު ފަސް ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް