އާ އަހަރުގެ ކިޔެވުން ފެށުނުއިރު އަހަރެން ހުރީ އުފަލަކުން ނޫނެވެ. މިއަހަރު ވެސް އަހަރެން ލާން މިޖެހުނީ ދައްތަ މިދިޔަ އަހަރު ލީ ބާ ޔުނިފޯމެވެ. ދައްތަގެ ބާ ދަބަހެވެ. އާ އެއްޗަކަށް ލިބުނީ އަރައިގެން ހުރި ބޫޓު އެކަންޏެވެ. އެއީ ދައްތަ މިދިޔަ އަހަރު އެރި ބޫޓު ފަޅައިގެން ގޮސްފައި ވާތީއެވެ. އެހެން ނޫންނަމަ އާ ބޫޓެއް ވެސް ނުލިބޭނެކަން ޔަގީނެއެވެ.
އެހެން ހުރިހާ ކުދިން ހުސް އާ އެއްޗެހި ހިފައިގެން ސުކޫލަށް ގޮސް ރައްޓެހި ކުދިންނަށް ދައްކައި ފޮނިކަނޑާތަން ދުށީމެވެ. އަހަރެން ފަޚުރުވެލާފައި ދައްކާލާނެ ގަލަމެއް ވެސް ނެތުމުން ވަރަށް ދެރަވިއެވެ.
މިއީ އަހަރެންގެ ވާހަކަ އެވެ. މި ވާހަކަ އަކީ މާ އަސަރުގަދަ ވާހަކައެއް ނޫން ނަމަވެސް އަހަރެންގެ މި ވާހަކަ ކިޔައިލާށެވެ.
އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ އަކީ އަހަރެންގެ އެންމެ ބޮޑު ދުޝްމަނޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް ގުނާ އަދަދު ނުކުރެވެއެވެ. ހިތައް އަރާ އެއްޗެއް ބުނަން ހެއްޔެވެ؟ ދައްތަ މަރުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟
އެންމެ ކުޑައިރުން ފެށިގެން ވެސް އަހަރެންނަށް ލިބެނީ މުޅިން ބާ ތަކެއްޗެވެ. އާ ހެދުމެއް ލިބުނީ އިނގިލިތަކުން ގުނައިލެވޭހާ މަދުންނެވެ. އަހަރެންގެ މައިންބަފައިންނަކީ ފޯރުންތެރި ބައެއް ނޫންކަން އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެންނަށް ވެސް ދައްތަ އަށް ލިބޭ މިންވަރުން ހައްގު ވާނެ ނޫން ހެއްޔެވެ؟
ކިޔަވައި ނިމުމުން ދައްތަ މާލެ ފޮނުވައިލައިފިއެވެ. ދައްތަ އަށް މާލެ އިން ވަޒީފާ އެއް ލިބުމުން، ފޮނުވައިލީ އަމިއްލަ ހަރަދުތައް އަމިއްލަ އަށް ކުރެވޭނެ ކަމަށް ބުނެއެވެ.
އަހަރެން ވެސް ސުކޫލު ނިމުމުން އެފަދައިން އެދުނީމެވެ. ނަމަވެސް ފުރަތަމަ ވެސް ބައްޕަ އެކަން މަނާކޮށްފިއެވެ. މަންމަ އާއި ބައްޕަ މުސްކުޅިވި ދުވަހު ދެމީހުން މާލެ ދިއުމުން، އެމީހުން ބަލާނީ ކާކު ކަމަށް ބުނެލިއެވެ. އެއީ ވެސް ދޮގެއް ނޫނެވެ. އެކަމަކު އަހަރެން ނަރުހަކަށް ވާން ދެކުނު ހުވަފެން ފުރިހަމަ ކުރަން ބޭނުމެވެ.
ކޮންމެ އަކަސް އިތުރަށް ކިއެވުމުގެ ނަސީބު ވެސް ލިބުނީ ދައްތަ އަށެވެ. އަހަރެން ހިންދާލައިގެން ރަށުގައި އުޅެމުން ދިޔައީމެވެ.
ދެން ލިބުނީ ދައްތަ މާލޭ ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނު ޚަބަރެވެ. އެޚަބަރު ވެސް އަހަރެންގެ މައިންބަފައިންނަށް ވީ ނިކަން އުފާވެރި ޚަބަރަކަށެވެ. އަހަރެން އެންމެ ދުވަހަކު ފިރިހެން ކުއްޖަކާ ވާހަކަ ދައްކައިލުމުން މަންމަ އެއްޗެހި ގޮވި ދުވަސް މަތިން ހަނދާންވުމުން ހިތުގައި ޖެހުނެވެ.
އަހަރެންގެ ހުވަފެންތައް ކަފުން ކުރުމަށްފަހު މައިންބަފައިން މުސްކުޅިވި ދުވަހު ކައިރީ ޚިދުމަތުގައި ހުރީމެވެ. ގޭތެރޭގެ ހުރިހާ މަސްއޫލިއްޔަތެއް ކޮނޑު އަޅައިގެން ދިރިއުޅެން ފެށީމެވެ. ދައްތަ އެއްކަލަ މާލެ މީހާ އާއި ކައިވެނިކޮށްފިއެވެ. އަހަރެމެންނަށް ވަރަށް ހަދިޔާ ފޮނުވައެވެ. މަންމަ އާއި ބައްޕަ އަށް އެއީ ރަންގަނޑެކެވެ.
ހަގީގަތަށް ބުނަނީނަމަ، ގޭތެރޭގެ ހުރިހާ ޚަރަދެއް ކުރަނީ ދައްތަ ފޮނުވާ ފައިސާ އިންނެވެ. ބައްޕަ ވެސް މިހާރު މަސައްކަތް ކުރުން ހުއްޓާލައިފިއެވެ. ފުދިގެން އުޅުނު ނަމަވެސް އަހަރެން މިވަނީ ޖަލެއްގައި ބަންދު ވެފައެވެ. އެއްގޮތަކަށް ވެސް މައިންބަފައިން ބަލާން ޖެހުމުން ބޮޑު ކަމަކަށް ވަނީއެއް ނުނެވެ. އަހަރެން ވެސް ކިޔަވަން ބޭނުމެވެ. މީހަކަށް ވާން ބޭނުމެވެ. ކައިވެނި ކުރަން ވެސް ބޭނުމެވެ.
ދައްތަގެ ބާ ހެދުން ލައިގެން ބޮޑުވުމާއި މެދު އަހަރެން މިހާރު ޝަކުވާއެއް ނުކުރަމެވެ. އަހަރެންނަށް މިހާރު އާ ހެދުން ވެސް ލިބެއެވެ. އެކަމަކު އެއްވެސް އުފަލެއް ނެތެވެ. އަހަރެން މިގޭތެރޭގައި ކޮށްދޭ އެއްވެސް މަސައްކަތެއްގެ އަގު ވަޒަން ކުރުމެއް ނެތެވެ. ނަމަވެސް ދައްތަ ފޮނުވާ ފައިސާ ފޮއްޗަށް އެތައް ހާސް ޝުކުރެއް އަދާކުރެއެވެ. ސައުވީސް ގަޑިއިރު މިކޮށްދޭ ޚިދުމަތުގެ އެއްވެސް އަގެއް ނެތެވެ. ލޯބިން އަހަރެންނަށް މައިންބަފައިން ގޮވައިލި ދުވަހެއް ވެސް ހަނދާނެއް ނެތެވެ.
މަންމަ އާއި ބައްޕަ އަށް އިނާޔަތް ލިބެން ފަށައިފިއެވެ. އެއާއި އެކީ ދައްތަ ފޮނުވާ ފައިސާ ފޮނުވުން މެދުކެނޑިއްޖެއެވެ.
ދެން ވީ ކަމެއް އިނގޭ ހެއްޔެވެ؟ ދައްތަ ރަށަށް އައިސްފިއެވެ. މައިންބަފައިން ކައިރިއަކަށް ނޫނެވެ. ރައްޓެހިންތަކެއް އަހަރެމެންގެ ރަށަށް އައިސްލަން ބޭނުންވާތީ އެމީހުންނަށް ރަށް ދައްކައިލަން އައީއެވެ.
އެރެއަކީ އަހަރެން ހަނދާން ނެތޭނެ ރެއެއް ނޫނެވެ. އެރޭ އަހަރެން ހުރީ އާދައިގެ މަތިން މަންމަ އަށް ކާންދޭށެވެ. އަހަރެންގެ އަތުން ލަވައިގެން ކާން ދޭށެވެ. ދައްތަ އައިސް އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔަންފެށީ ސަމުސާތައް ހުއްޓައި އަހަރެން އަތުން ކާންދޭތީ އެވެ.
"ކޮން ހަޅޭކެއް ލަވާކަށް؟ ހަޅޭއްލަވަން މިގެއިން ނިކުމެގެން ދޭ... ކީއްކުރަން ތިއައީ؟ އެތައް އަހަރެއް ކޮށްފަ ރަށަށް އައިސް އަހަރެން ކައިރީ އަހަރެންގެ ހާލު އަހައިލިންތަ؟ ގެ ހަދިޔާތަކަކީ އަހަރެން ބޭނުން އެއްޗިއްސެއް ނޫން... އަހަރެން މީނަ މާލެ ނުފޮނުވައި ހިފެހެއްޓީ ދެދަރިންގެ ތަފާތު އިނގޭތީ... އަހަންނަށް އިނގޭ ހަގު ދަރިފުޅު ބަހައްޓައިފި ނަމަ އަހަރެންގެ ހުރިހާ ކަމެއް ޝަކުވާއެއް ނެތި ކޮށްދޭނެ ކަން... ކަލޭ އަންނަށް ފެންތައްޓެއްތަ ދިއްކޮށްލީ؟ މައިނބަފައިންނަށް ބޭނުންވަނީ ފައިސާ އާއި ހަދިޔާ އެއް ނޫން... ލޯބި... ދަރިންގެ ލޯބި... ދެދަރިން އަހަރެން ތަފާތު ކުރީ މިހެންވެ... އަހަރެން ހީކުރީ އަހަރެން އެންމެ ލޯބި ދިން ދަރިކަމަށް އަހަރެމެންނަށް އެންމެ ހެޔޮ ވާނީ..."
މަންމަގެ ބަލި އަޑުން ވާހަކަ ދެއްކި އެވެ. ފުރަތަމަ ފަހަރަށް ހަގީގަތް ބުނުމުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ދެންވެސް އަހަރެން ބުނާނަމެވެ. މިދުނިޔޭގައި ހުރި އަހަރެންގެ އެންމެ ބޮޑު ދުޝްމިނަކީ އަހަރެންގެ ދައްތަ އެވެ.
އެހެން ވާހަކަތަކުގައި ދައްތަ އާއި ކޮއްކޮގެ އެތައް ނަފްތަރަކަށް ފަހުވެސް ލޯބި ވާނެކަން ޔަގީނެވެ. އަހަރެންގެ ވާހަކައިގައި ލޯތްބެއް ނެތެވެ. އަހަރެންގެ ދައްތަ ދެކެ އަހަރެން އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް