މިހާރު އުމުރުން 64 އަހަރުގެ ޖަމާލިއާ ޝަރީފަށް އިއްޔެއަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެއީ މެލޭޝިޔާގައި ކޮންމެ އަހަރަކު ދެމުން އަންނަ ލާމަސީލު މަންމަ އެވޯޑު ޖަމާލިއާއަށް ލިބުނު ދުވަހެވެ. ނުވެސް އެނގި ހުއްޓާ ޖަމާލިއާއަށް މި އެވޯޑު ލިބުމުން އޭނާ ހުރީ ބޮޑު ހައިރާން ކަމެއްގެ ތެރޭގައެވެ.
ޖަމާލިއާގެ ހަޔާތުގެ ހިތްދަތި ސަފުހާތައް ފެށެނީ މީގެ 17 އަހަރު ކުރިންނެވެ. އޭނާގެ ކުރީގެ ފިރިމީހާ އޭނާ ވަރިކޮށް މަގުމަތިކޮށްލައެވެ. ފިރިހެން ދެ ދަރީންނާއި އަންހެން ދަރިއަކާއި އެކުގައެވެ.
ވަންނާނެ ގެދޮރެއް އަޅާލާނެ ޔާރެއް އިޔާރެއްނެތި، އާއިލާގެ މީހުންގެ ގާތު އާދޭސްކޮށްވެސް އަލިމަގެއް ނުފެނި ތިން ދަރީންނާއެކު ކުއްޔަށްދޭ ފްލެޓަކަށް ޖަމާލިއާ ދާން ޖެހުނެވެ. ގެއެއްގައި ގުލާނުކޮށްދީގެން މަހަކު 500 ޑޮލަރު ހޯދަން ފެށިއެވެ. އެ ވަޒީފާގައި އުޅެމުން ތިން ދަރިންނަށް ކިޔަވައިދީ ދަރިންނަކީ މުޖްތަމައުގައި ހަރުދަނާ ބަޔަކު ކަމުގައި ހެދިއެވެ. ދަރިންގެ ދިރިއުޅުން އާރާސްތު ކޮށްދިނެވެ.
އިއްޔެ މި އެވޯޑު ޖަމާލިއާއަށް ލިބުނުއިރު އޭނާގެ ދޮށީ ފިރިހެން ދަރި ވަޒީފާ އަދާކުރަނީ ސާވިސް ސެކްޓަރުގައެވެ. ދެން ހުރި ފިރިހެން ދަރި އަންނަނީ އަމިއްލަ ވިޔަފާރިއެއް ކުރަމުންނެވެ. އަންހެން ދަރިއަކީ މިއަދު ޑަކުޓަރެކެވެ. ވަޒީފާ އަދާކުރަމުން އަންނަނީ މެލޭޝިޔާގެ ޗަންގީ ޖެނެރަލް ހޮސްޕިޓަލުގައެވެ.
ޖަމާލިއާގެ ނަން މި އެވޯޑަށް ނޮމިނޭޓް ކުރީ އޭނާގެ އަންހެން ދަރިފުޅެވެ. މި އެވޯޑާއެކު ހަ ހާސް ޑޮލަރު ޖަމާލިއާއަށް ލިބުނު އިރު ޖަމާލިއާ މި އެވޯޑު ހާސިލުކުރީ މިފަދަ 10 އަކަށްވުރެ ގިނަ މަންމައިންނާ ވާދަކޮށްގެންނެވެ.
މި އެވޯޑަށްފަހު ޖަމާލިއާ ބުނެފައިވަނީ އެންމެ އުފާވީ ހަމައެކަނި މި އެވޯޑު ލިބުމުން ނޫން ކަމަށާއި އެވޯޑަށް ނޯމިނޭޓް ވުމަކީވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި އެވޯޑުގައި އޭނާއާއި ވާދަކުރި ހީވާގި މަންމައިންގެ ހިތްވަރަށް ސާބަސް ރައްދުކުރާ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް