ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކުރުމާއި އެމްޑަބްލިއުއެސްސީ އެއްކޮށް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން ނިންމައިފައިވާ ކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ދިރާގުގެ މެޖޯރިޓީ ކޮންޓްރޯލް ސަރުކާރަށް ލިބެންޖެހޭ ކަމަށާއި އެ މަގުން ކެބިނެޓުން ގޮތެއް ނިންމައިފައިވާ ކަމަށެވެ. މިހާރު ދިރާގުގެ 52 އިންސައްތަ ހިއްސާ ބަހުރެއިންގެ ބަޓެލްކޯ އިން ހިއްސާކުރާ އިރު ސަރުކާރުގެ ހިއްސާ އޮތީ 41.8 އިންސައްތައިގައެވެ. ޢާންމުންގެ 6.2 އިންސައްތަ ހިއްސާ ވެސް އެ ކުންފުނީގައި އޮވެއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ ބޭރު ކުންފުންޏެއްގެ އަތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ކުންފުނި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ވެސް ކެބިނެޓުން ނިންމައިފައިވެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ 20 އިންސައްތަ ހިއްސާ ޖަޕާނުގެ ހިޓާޗީ ކުންފުންޏަށް ވިއްކައިލައިފައިވެއެވެ.
"ބޭރު ކުންފުންޏަކަށް ވިއްކާލާފައި އޮތް 20 ޕަސެންޓުގެ ޝެއާ ގަނެ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ސަރުކާރު އެމްޑަބްލިއުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު އެ ވަނީ ފެށިފައި" ރައީސް ވިދާޅުވިއެވެ.
މި ދެ ނިންމުމާ ގުޅޭ ތަފުޞީލީ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ޢާންމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް