އަންނަ މަހުން ފެށިގެން 60،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓް ކުރަން ނިންމައިފި

މަހެއްގެ މައްޗަށް 60000 ރުފިޔާ އަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ފުލް ކަވަރޭޖު ނުދޭ ގޮތަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވި...

07 Sep 2026 | 08:55
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

މަހެއްގެ މައްޗަށް 60000 ރުފިޔާ އަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ފުލް ކަވަރޭޖު ނުދޭ ގޮތަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު އާސަންދައިގެ ނިޒާމު ބައްޓަންވެފައި އޮތީ އެންމެ ތަނަވަސް ފަރާތަށާއި އެންމެ ފަޤީރު ފަރާތަށް ވެސް ހަމަހަމައަށް ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ކަމަށެވެ. އެ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަންނަ މަހުން ފެށިގެން ގެންނަ ބަދަލާއި އެކު 60000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް ދެން އާސަންދައިގެ ޚިދުމަތް ލިބޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފިޔަވަޅުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ދާއިރާތަކަށް އެ ފައިސާ ހޭދަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މުއްސަނދިންނާއި އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް މުއްސަނދިންނަށް އާންމުންނަށް ލިބޭ ގޮތަށް ހުރިހާ ކަމެއް ހިލޭ ލިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި ބަދަލާ ގުޅޭ ތަފްސީލީ އުސޫލު ކުރިއަށް އޮތް ތަނުގައި ޢިއުލާން ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ބަޖެޓުގައި ކޮންމެ އަހަރަކު އާސަންދައަށް ކަނޑައަޅާ ޢަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރަންޖެހޭތީ އާސަންދައިގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މީގެ ކުރިން ވެސް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް