ސްޓެލްކޯ --
ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ބެލިބެލުމުގައި ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގެން އޮތް ކުންފުންޏެއް ނޫން ކަމަށެވެ. ނިމިދިޔަ ސަރުކާރުން އެ ކުންފުނީގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ކަމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ނިންމީ ކުންފުނި އެއްކޮށް އުވާލުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ބަދަލުގެ ތެރެއިން ފެނަކައިން ދެމުން ގެންދިޔަ އެންމެހައި ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓުގެ ހިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ވެސް އުވާލައި އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އެއް ބާވަތެއްގެ މަސައްކަތް ކުރާ ތަފާތު ކުންފުނިތައް ހުރުމުގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުވަމުންދާ ކަމަށާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި މި ފިޔަވަޅު އެޅުއްވީ ކަމަށް ވެސް ވިދާޅުވިއެވެ.
ފެނަކައާ ގުޅޭ 161 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތަޙުޤީޤުކުރަމުން ގެންދާއިރު 21.4 މިލިއަން ރުފިޔާ އެ ކުންފުންޏަށް އަނބުރާ ހޯދުމަށް ވެސް ވަނީ އެންގިފައެވެ.
ފެނަކައިގައި މިހާރު 8000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު އެ އަދަދު ބޮޑުކަމުން މުސާރައިގެ އިތުރުން ޖަނަރޭޓަރުތަކުގެ ސްޕެއާ ޕާޓާއި ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް