ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ހޯމް މިނިސްޓްރީ
ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭ ކަމށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ކަން ތަހުގީގު ކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފި އެވެ.
ޔާމީންގެ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެ އިމާރާތްތަކުގައި މީހަކު އަލިފާން ރޯކޮށްލީ ކަމަށެވެ. އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
މި ތުހުމަތާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވީ ޔާމީން ކުރެއްވި ތުހުމަތާއި ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގެންނެވަނާ މައުލޫމާތު ސާފު ކުރައްވައި ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަމެއް ހުރި ނަމަ އެކަމެއް ބެލުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ.
އަދި ޔާމީން، ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ތަހުގީގު ކޮށްދެއްވުން އެދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަންގަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ތިން މިނިސްޓްރީގައި ރޯވި ސަބަބު ދެނެގަތުމަށް ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަން ކަމަށެވެ.
އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން އޭނާއަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެ އަލިފާނުގެ ހާދިސާގައި ރޯވީ އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި އިމާރާތުގައި އެވެ. މި ހާދިސާ ހިނގީ ޑިސެމްބަރު 12، 2024 ވަނަ ދުވަހުގެ ވަރަށް ހެނދުނު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް