ފުލުހުން މައްސަލަ ބަލާތީ ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް 13 އިން ދެކޮޅު ހަދައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލައި މީހަކު ދެއްކި ވާހަކަތަކެއް ވަގުތުން ބްރޯޑްކާސްޓު ކުރި މައްސަލަ ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވުމަށް ...

07 Sep 2020 | 07:35

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލައި މީހަކު ދެއްކި ވާހަކަތަކެއް ވަގުތުން ބްރޯޑްކާސްޓު ކުރި މައްސަލަ ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވުމަށް ޗެނަލް 13 އިން ދެކޮޅު ހަދައިފި އެވެ.

ޗެނަލް 13 ގެ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާ ވާހަކަދައްކާފައި އެވެ. އެ މައްސަލައި އެވާހަކަތައް ދެއްކި 47 އަހަރުގެ ފިރިހެން މީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި އެވެ.

ފުލުހުންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. މި މައްސަލަ ބެލުމަށް ބްރޯޑްކޮމްގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު ޗެނަލް 13 އަށް މި މައްސަލައިގަ ޖަވާބުދާރީ ވުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އެ މުއްދަތު މިއަދު ހެނދުނު 9:00 އަށް ހަމަވެފައިވާއިރު ޗެނަލް 13 އިން ވަނީ އެ މައްސަލައިގަ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައި އެވެ. ޗެނަލް 13 އިގެ ސީއޯއޯ ސަމާހު މުހައްމަދު މީޑިއާގައި ވިދާޅުވީ މި މައްސަލައިގަ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އުޒުރުވެރިވަނީ ހަމަ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ކުރަމުންދާ ތަހުގީގަށް އެ ޗެނަލުން ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދަށް އިއްޔެ ފުލުހުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ތ. ވިލުފުށީގައި ދިރިއުޅޭ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް