މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގާއި ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން ކަށަވަރު ކުރައްވާނެ ކަމުގައި ދާހިލީ ވަޒީރު، ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ވަޒީރު ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަނީ ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ޑީޑީކޮމް އިން ކަމަށާއި އެ ތަހުގީގަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކުރައްވާ ރައީސް ސޯލިހް ފިޔަވަޅު އަޅުއްވާނެކަން ޔަގީން ކަމަށެވެ.
"އެކަމާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރުކުރާނަން، އިންޝާﷲ" ދާހިލީ ވަޒީރު ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1170245464295268352
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމަށް ކޮމިޝަނުގެ ރިޕޯޓްގައި ބުނެފައިވާ ދެ ފުލުހުން ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހަށް ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރުކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށް ކޮމިޝަނުން ފުލުހުން ގާތު ބުނެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް