ސަރުކާރުގެ އަމާޒަކީ އަންހެނުން ވިޔަފާރިއަށް ނެރެގެން އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުން ކަމަށް ޝިދާތާމިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން" އިވެންޓުގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދެ ޞިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް އަށް ކުރިއަށް ގެންދާ މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ އިތުރަށް ވިދާޅުވީ އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގެ ޚިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުން ހިމެނޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި މި ކަމުގައި މިނިސްޓްރީން އަދާކުރަމުން ގެންދާ ދައުރު އެ ކަމަނާ ބަޔާންކޮށްދެއްވައި، އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޖެންޑަރ އިކުއަލިޓީ ޕޮލިސީއާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުޙަލާގައި އޮތް ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.
މި އިވެންޓުގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވާނެއެވެ. މި ވަފްދުގައި ހިމެނެނީ 21 އަންހެން ކަނބަލުންނެވެ. މި ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރ ޝިދާތާއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް (އެމްއޭވީއީ) އެޗީވްމަންޓް އެވޯޑުގައި ވެސް އެ ކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް