އިޒްރޭލާއި ދެކޮޅަށް ޣައްޒާގެ މުސްލިމުން އިއްޔެ ކުރި މުޒާހަރާގައި، އިޒްރޭލު ސިފައިން ދިން ބަޑީގެ ދެ ހަމަލާއެއްގައި ޣައްޒާގެ ދެ ކުޑަކުއްޖަކު ސަހީދުވެއްޖެއެވެ.
"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ޣައްޒާގެ މުސްލިމުން އިޒްރޭލު ޔަހޫދީންނާއި ދެކޮޅަށް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު މުޒާހަރާ ކުރަމުން އަންނަތާ 18 މަސްވެފައިވާއިރު އިއްޔެގެ މުޒާހަރާގައި ސަހީދުވެފައިވަނީ އުމުރުން 14 އަހަރުގެ ޚާލިދު އަލް-ރަބާއީ ނަމަކަށް ކިޔާ ކުއްޖަކާއި އަލީ އަލް-އަޝްޤަރު ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖެކެވެ. އިތުރު 38 މީހަކު ޒަޚަމްވެފައިވެއެވެ.
އިޒްރޭލުން ބުނެފައިވާގޮތުގައި އިއްޔެގެ މުޒާހަރާގައި ހަ ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާ ސްޓްރިޕްގެ ބޯޑަރު ފެންސު ފަޅާލާފައި ވަންނަން މަސައްކަތް ކުރިއެވެ. ބާރުގެ ބޭނުންކުރީ އެ މުޒާހަރާ ހުއްޓުވަން ކަމުގައި ބުނެފައިވެއެވެ.
ގްރޭޓް މާޗް އޮފް ރިޓާން، މި މުޒާހަރާ ކުރިއަށްގެންދަނީ ފަލަސްތީނު ދޫކޮށް ހިޖުރަކޮށްފައިވާ ފަރާތްތައް އަނބުރާ ފަލަސްތީނަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައެވެ. މިސްރު ފަޅިންނާއި އިޒްރޭލު ފަޅިން އެ ފުރުސަތު ވަނީ ބްލޮކް ކޮށްފައެވެ. އިޒްރޭލުން ބުނަމުން އަންނަނީ އެ ފުރުސަތު ދީފިނަމަ ޔަހޫދީ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
ޣައްޒާގެ މެޑިކަލް އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މި އަހަރުގެ މާރިޗް މަހުން ފެށިގެން މިހާތަނަށް މިފަދަ މުޒާހަރާތަކުގައި ޣައްޒާގެ 210 މުސްލިމަކު ސަހީދުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް