ސާފް ސުޒުކީ ކަޕްގައި މިއަދު ދިވެހިރާއްޖެ ފުރަތަމަ މެޗަށް ނުކުންނައިރު، މިއީ އާ ޓީމެއް އަދި އާ ޖީލެއް ކަމަށާއި، މި ޓީމުން ގައުމުގެ ފުޓްބޯޅައިގެ އުޖާލާ މުސްތަޤުބަލެއް ގެނެސްދޭނެކަމަށް އުންމީދު ކުރާކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.
"މިއީ އާ ޓީމެއް އާ ޖީލެއް، އަދި އެންމެންގެ އަޚުލާޤާއި ސަމާލުކަން ވެސް ވަރަށް ރަނގަޅު. އަހަރެން އުންމީދު ކުރަން އެ މީހުން މި ގައުމަށް ފުޓްބޯޅައިގެ އުޖާލާ މުސްތަޤުބަލެއް ގެނެސްދޭނެކަމަށް" ކުޅުންތެރިންގެ އެވްރެޖް އުމުރު 23.7 ގެ ޒުވާން ޓީމަކާއެކު މުބާރާތާ ކުރިމަތިލި ދިވެހި ޓީމުގެ ކޯޗު ބުންޏެވެ.
މިއަދުގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސެގާޓް އިތުރަށް ބުނީ، ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ސްރީލަންކާގެ ފުޓްބޯޅަ ޓީމުން ކުރިއެރުންތަކެއް ހޯދައިފިކަމަށާއި، އިންޑިޔާގެ ޒުވާން ޓީމުން އާޖެންޓީނާގެ ޒުވާން ޓީމު ވެސް ބަލިކޮށްފި ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ފުރިހަމައަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށާއި، އޭނާގެ ނަޒަރުގައި މި ގްރޫޕްގައި ފޭވަރިޓުންގެ ގޮތުގައި ބަލާނެ ވަކި ޓީމެއް ނެތް ކަމަށެވެ.
ގްރޫޕް ބީ ގައި މިއަދު ރާއްޖޭ ގަޑިން 18:00 ގައި ސްރީލަންކާއާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ނުކުންނައިރު، މި ގްރޫޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ ވަނީ އިންޑިޔާގެ ޒުވާން ޓީމު އަތުން 2-0 އިން ބަލިވެފައެވެ.
ފުރަތަމަ މެޗަށް އަލި އަޅުވާލާ ވާހަކަދައްކަމުން ސްރީލަންކާގެ ކޯޗު ނިޒާމް ފަކީރް އަލީ ބުނީ ފުރަތަމަ މެޗުގައި މެދުތެރެއާއި ގޯލްކީޕިންގ ޑިޕާޓްމަންޓުން ފެނުނު ގޯސްތައް ރަނގަޅު ކުރަން މިއަދުގެ މެޗުގައި މަސައްކަތް ކުރާނެކަމަށެވެ.
މިރޭގެ މެޗާ ކުރިމަތިލާއިރު، ސްރީލަންކާއާ ޚިލާފަށް ދިވެހި ގައުމީ ޓީމަށް މުބާރާތަށް ތައްޔާރުވާން ކުޅެވުނީ އެންމެ މެޗެކެވެ. އެއީ ގަތަރުގެ ކްލަބަކާ ދެކޮޅަށް ކުޅުނު މެޗު އެކަންޏެވެ.
ސްރީލަންކާ އާއި ދިވެހިރާއްޖެ އެންމެ ފަހުން ބައްދަލު ކުރި 6 މެޗުން ވެސް ލަންކާއަށް ދިވެހީންގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. އެއް މެޗު އެއްވަރުވިއިރު، އަނެއް 5 މެޗު ނިމުނީ ދިވެހިރާއްޖެ މޮޅު ވެގެންނެވެ. އަނެއްކޮޅުން، ސާފް ސުޒުކީ ކަޕްގައި ދިވެހިން ލަންކާ ކޮޅަށް 20 ލަނޑު ޖަހާފައިވާއިރު، ލަންކާއަށް ދިވެހިރާއްޖެއާ ދެކޮޅަށް ކާމިޔާބު ކުރެވުނީ އެންމެ 2 ލަނޑެވެ.
ތާރީޚުން މިއަދުގެ މެޗުގައި އެއްވެސް ކަމެއް ހާޞިލްނުވާނެކަމަށް ދެ ޓީމުގެ ކޯޗުން ވެސް ގަބޫލު ކުރާއިރު، މިއަދުގެ މެޗުން ނުކުންނާނެ ނަތީޖާއަކާމެދު ޚިޔާލު ފާޅުކުރުމަށް ކިޔުންތެރިންނަށް ދޫކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް