ތާރު އެޅި މަގުގައި އުޅަނދު ޕާކު ކުރާނަމަ ޓޯ ކުރާނެ

ބޮޑުތަކުރު ފާނު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރޭ ހުޅުވާލި މަގުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދު ޕާކު ކުރުން މަނާ ކޮށްފައިވާތީ، އެސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ...

07 Sep 2018 | 09:40

ބޮޑުތަކުރު ފާނު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރޭ ހުޅުވާލި މަގުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދު ޕާކު ކުރުން މަނާ ކޮށްފައިވާތީ، އެސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނެފައިވަނީ ހުޅުވާލި މަގުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ޕާކު ކުރުމަކީ މަނާ ކަމެއްކަމަށާއި އެތާންގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އެސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ޓޯ ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސިނަމާލެ ބްރިޖާއި ގުޅިގެން ތަރައްޤީކޮށްފައިވާ ރިންގް ރޯޑް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ގައެވެ. އެމަގު ހުޅުވާލަމުން ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާންގައިވެސް ބުނެފައިވަނީ އެސަރަހައްދުގައި ޕާކު ނުކުރެވޭނެކަމަށެވެ.

އެސަރަހައްދުގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރެވިފައި ހުންނާނެކަމަށާއި އެއާ އެއްގޮތަށް އަމަލުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާންގައި އިލްތިމާސް ކޮށްފައި ވެއެވެ. އަދި އެމަގު އަލުން ބޭނުންކުރަން ފަށާއިރު، އެމަގަކީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގެއްކަމުން އިއްޒުއްދީން މަގާއި ހަމައިން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާއި ދެމެދު ބޮޑުތަކުރުފާނު މަގުގެ އެއްވެސް ތަނެއްގައި އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެއްކަމަށް ވެސް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް