މިހާރު އޮޕޮޒިޝަން ޕާޓީއަކީ ޑީއާރުޕީ، ޕީޕީއެމަކީ އޮތް ޕާޓީއެއް ކަމަށް ނުދެކެން: ޖާބިރު

ސަރުކާރު ޖަވާބުދާރީ ކުރުވާނެ އޮޕޮޒިޝަން ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަމުގައި އެ ޕާޓީގެ އައު ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ އެ...

07 Aug 2019 | 18:40

ސަރުކާރު ޖަވާބުދާރީ ކުރުވާނެ އޮޕޮޒިޝަން ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަމުގައި އެ ޕާޓީގެ އައު ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ އެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" މާތް ﷲގެ ރަހުމަތުން މިއަދު އޮޕޮޒިޝަންގަ ޑީއާރުޕީ މިއޮތީ، އޮޕޮޒިޝަންގަ އެހެން ބައެއް ނެތް، ދެން ނެތް އެކްޓިން ބައެއް، އެމްޑީޕީއަކީ ރޫލިން ޕާޓީ" މިރޭ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޕްރޮގްރެސިވް ޕާޓީއަށް ބަލާއިރު އެ ޕާޓީއަކީ އޮތް ޕާޓީއެއް ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ އެ ޕާޓީގެ ހާލަތަށް ރިއާއަތް ކުރައްވާފައި ކަމުގައި ޖާބިރު ވިދާޅުވިއެވެ. އަދި އެއް ބޭފުޅަކު ދެ ޕާޓީއެއް ގެންގުޅުމަކީ ހަތަރު އަނބިން ގެންގުޅުން ފަދަ ކަމެއްގެ ގޮތުގައިވެސް ޖާބިރު ސިފަ ކުރެއްވިއެވެ.

ޖާބިރު ސިފަ ކުރެއްވި ގޮތުގައި ޑީއާރުޕީ "ސްލޯވެފަ" އޮތް އޮތުން ނިމުމަކަށް އައިސް ޕާޓީ ދެން ދާނީ ބާރަށް ކުރިއަށެވެ. އަދި މަޖިލީހުގައި ޑީއާރުޕީއަކީ މައިނޯރިޓީ ޕާޓީއަށްވެސް ދާދި އަވަހަށް ވެގެން ދާނެ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ޕާޓީގެ ހާއްސަ ހަރަކާތެއް މާދަމާވެސް ކުރިއަށް ދާނެކަން ޖާބިރު ފާހަގަކުރެއްވިއެވެ. އެ ހަރަކާތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލް ނަހުލާ އަލީ ވިދާޅުވީ މާދަމާ ކުރިއަށްދާނީ ޕާޓީގެ މެމްބަޝިޕް އިތުރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގައި ސައިކަލު ބުރެއްވެސް އޮންނާނެ ކަމަށެވެ.

އެ ހަރަކާތް ފެށޭނީ ހަވީރު 4:00ގައި ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށާއި  ސައިކަލު ބުރު ކުރިއަށްދާނީ ހަވީރު 05:00 އިން 06:00 އަށް ކަމުގައިވެސް ނަހުލާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް