ޤާނޫނާ އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދޭ މައުލޫމާތާ ގުޅިގެން ބޭންކާމެދު ދަޢުވާއެއް ނުކުރެވޭނެ ކަމުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ ބޭންކުން ބުނެފައިވަނީ ބޭންކާއި، ކަސްޓަމަރުންނާއި މުވައްޒަފުންގެ އިތުރުން ގުޅުންހުރި އެންމެ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ އެދެވޭ ހައްލެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި ސިވިލް ކޯޓުގައި މި ބޭންކުން އެދުނީ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2019/HC-A/26 އިން ކުރެއްވި ހުކުމް އާ ގުޅިގެން ތަހުގީގީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް މި ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާތީ ކަމަށެވެ.
"މިއަދު ސިވިލް ކޯޓުން ކުރެއްވި ހުކުމްގައިވާ ގޮތުން ބޭންކިންގ އާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މަޢުލޫމާތު ރިޔާސީ ކޮމިޝަންތަކާއި އަދިވެސް އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށާއި ލިޔުމުން އެދުމުން ބޭންކުތަކުން އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް މިވަނީ ކަނޑައެޅިފައެވެ. އަދި މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ބޭންކިން ގާނޫނުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް ހުރަސް ނާޅާ ކަމަށްވެސް ކޯޓު ހުކުމްގައި ހިމެނެއެވެ." ބޭންކުން ބުނެފައިވެއެވެ.
ބޭންކުން ބުނެފައިވަނީ، މިހެން ކަމުން މަތީގައި ދެންނެވުނު ކޯޓް ހުކުމާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކާމެދުވެސް އަދި ބޭންކުގެ މުވައްޒަފަކާ މެދުވެސް އެއްވެސް ފަރާތަކަށް ޝަރުޢީ މައްސަލައެއް ހުށަނޭޅޭކަން މިވަނީ ކަނޑައެޅިފައި ކަމަށާއި މިއީ އެ ބޭންކުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުވެސް ކަމަށެވެ. އަދި ސިވިލް ކޯޓުން މިގޮތަށް ކަނޑަ އެޅުމާއެކު މި މައްސަލަ އަކީ މި ބޭންކުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރަން ބޭނުންނުވާ މައްސަލައެއްވެސް ކަމަށެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސް އިން ބޭންކިންގ އާ ބެހޭ ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް