ޒަލްދާން ތެޔޮ ކުންފުނީގެ މައްސަލައިގާ ވިލިނގިލީ ބައެއް ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް އޭސީސީން އަންގައިފި

ޒަލްދާން އޮއިލް ސަޕްލައިސްގެ މައްސަލައިގައި ގއ. ވިލިނގިލީގެ ބައެއް ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އަންގައިފިއެވެ. އެސީސީން ވިލިނގިލީ...

07 Aug 2019 | 08:05

ޒަލްދާން އޮއިލް ސަޕްލައިސްގެ މައްސަލައިގައި ގއ. ވިލިނގިލީގެ ބައެއް ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އަންގައިފިއެވެ.

އެސީސީން ވިލިނގިލީ ބައެއް ކައުންސިލަރުންގެ މައްސަލަ އެލްޖީއޭ އަށް ފޮނުވީ، ޒަލްދާން ތެޔޮ ކުންފުންޏަކީ ގާގޫނާއި ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރަމުންދާއިރު، ވިލިނގިލި ކައުންސިލުން އެކަމާ އަޅައިނުލައި ބޭއްވީމައެވެ.

އޭސީސީ އަށް ހުށަހެޅި އެ މައްސަލަ ބެލިބެލުމުން އެނގުން ގޮތުގައި، އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށާއި، އެ ކުންފުންޏަކީ ތެލުގެ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫން ކަމަށް އެސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބިމުގެ ކުލި ވިލިނގިލި ކައުންސިލަށް ދައްކާފައި ނުވާ ކަމަށާއި، އެ ބިމަކީ ތެލުގެ ވިޔަފާރި ކުރަން ހުއްދަ ކުރެވޭނެ ބިމެއް ނޫން ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ، ތެޔޮ ކުންފުނި ހުރި ބިމާ ގުޅިގެން ބައެއް ކައުންސިލަރުން ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ފައިސާ ނަގާފައިވާ ކަމަށާއި، އަދި އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް އިއުލާން ކުރުމެއް ނެތި އެބިމުގެ މުއްދަތު އިތުރުކުރަން ރާވަމުންދާ ކަމަށް ބުނެ އެކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެބިން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށާއި، އެ ބިމުގެ ކުލި ހޯދުމަށް ވިލިނގިލި ކައުންސިލަށް އޭސީސީން ތަކުރާރުކޮށް ވަނީ އަންގައިފައެވެ. ނަމަވެސް އެ އެންގުމާއި ޚިލާފަށް އިތުރު 10 އަހަރަށް އެ ތެޔޮ ކުންފުންޏަށް ބިން ދޫކުރަން ކައުންސިލުން ނިންމާފައިވާކަމަށް އޭސީސީން ބުންޏެވެ. މި ސަބަބުތަކާއި ހުރެ ވިލިނގިލީ ބައެއް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން އޭސީސީން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ޒަލްދާން ތެޔޮ ކުންފުނިން ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުން ދާތީ އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ސިޓީ އަކުން އަންގައިފައި ވާނެ ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް