ތިޔަފަދަ އަންހެނެއްގެ އިހްސާސް

ދަރިންނަކީ މާތް ﷲ ދެއްވާ ކޮންފަދަ ބޮޑުނިޢުމަތެއްކަން ޙަޤީޤަތުގައި ވިސްނޭނީ އަހަރެން ކަހަލަ އެނިޢުމަތުން އަދި މަޙްރޫމްވެފައިވާ އިންސާނަކަށެވެ. ތުއްތު ތުއްތު ކުއްޖެއްގެ މައުސޫމް ޙަރަކާތްތަކުން އަހަރެންގ...

07 Aug 2019 | 06:41

ދަރިންނަކީ މާތް ﷲ ދެއްވާ ކޮންފަދަ ބޮޑުނިޢުމަތެއްކަން ޙަޤީޤަތުގައި ވިސްނޭނީ އަހަރެން ކަހަލަ އެނިޢުމަތުން އަދި މަޙްރޫމްވެފައިވާ އިންސާނަކަށެވެ. ތުއްތު ތުއްތު ކުއްޖެއްގެ މައުސޫމް ޙަރަކާތްތަކުން އަހަރެންގެ އުނގުގެ ފަޅުކަން ފިލުވައިދިނުން އެދި އަހަރެން ކޮންމެ ނަމާދެއްގެ ފަހުގައި ކުރާ ދުޢާއާއި ރޯރުއިން ދެނެވޮޑިގެންވާ ފަރާތައް ސިއްރެއް ނުވާނެއެވެ.

ދަރިންނަކީ އަމާނާތެކޭ ބުނާ އަޑުއިވެއެވެ. އެއަމާނާތް އަހަރެންނާއި ހަވާލުނުކުރައްވަވާ ވަނީވެސް ކޮންމެވެސް ހިކުމަތަކަށްޓަކައޭ އެތައްފަހަރަކު ހިތައް އަރައެވެ. ނަމަވެސް އަހަރެންނަކީވެސް އިންސާނެކެވެ. ކެތްތެރިކަން ކޮޅުންލާ އެތައްފަހަރެއް އާދެއެވެ. އެފަދަ ވަގުތުތަކުގައި ފިރިމީހާ އަހަރެންނަށް ވިސްނާއިދޭން މަސައްކަތްކުރެއެވެ.

ލޯތްބާއި އޯގާތެރިކަމާއެކު އަހަރެންގެ ލޮލުން އޮހޮރޭ ކަރުނަތައް ފޮހެދީ ގަޔާލާ ބޮނޑިކޮށްލައެވެ. ކަރުނަތައް ފޮހެވިދާނެއެވެ. އެކަމަކު ފާއިތުވަމުންދާ ކޮންމެ ދުވަހަކާއިއެކު އަހަރެންގެ ހިތުގައި ބޮޑުވަމުންދާ ޒަހަމްތައް ފިރިމީހާއަށް ރަނގަޅު ކޮށެއްނުދެވޭނެއެވެ.

އަހަރެން ކެތްތެރިވާން މަސައްކަތް ކުރަމެވެ. ބޭނުން ވަނީ ކެތްތެރިއެއްގެ ގޮތުގައި ހުންނާށެވެ. އެހެނަސް އަހަރެން ބޭނުންވަނީ މަންމައަކަށް ވާށެވެ. މާބަނޑުވުމުން އެހެން އަންހެނުންވެސް ކުރާ އިޙްސާސްތައް ކޮށްލާށެވެ. ބަނޑުގައި ދަރިފުޅު ގަރުބަގަތިންސުރެ ވިހެއުމާއި ދެމެދު އެހިނގާ ނުވަމަސްދުވަހު އެފަދަ އަންހެނުން ތަހައްމަލްކުރަމުންދާ ބުރައާއި، ހިތައް ތަސައްވަރު ވަމުންދާ އުފާ ތަޖުރިބާ ކޮށްލާށެވެ.

ދެމަފިރިން ދަރިފުޅުގެ އިންތިޒާރުގައި ނުވަމަސް ހޭދަކުރާއިރު މުސްތަޤުބަލަށްޓަކައި ދެކޭ ހުވަފެންތައް އަހަރެންވެސް ބަލާލަން ބޭނުމެވެ. މާބަނޑުވެ ދުވަސްފުރިފައިވާ އަންހެނުން ފެނުމުން އަހަރެންނަށް އަޖައިބެއް ކަހަލަ ގޮތްތަކެއްވެއެވެ. ބައެއްފަހަރަށް ދެރަވެއެވެ. އަނެއްބައިފަހަރަށް ހަސަދަވެރިކަން ކޮންމެވެސް ސިފައެއްގައި ހިތުގައި އޮއިދެމޭކަން އެއީ އަހަރެން އެކަމަށް ބޭނުންވެފައިވާ ކަމުގެ ހެއްކެކެވެ.

އަހަރެންގެ ހިތުގައި މާބަނޑުވުމާއި ވިހެއުމާއި ދެމެދު އެވާ ދުވަސްތަކުގައި ކުރާ ތަޖުރިބާތަކާއި މެދު އެތައް ސުވާލެއް ވަނީ އުފެދިފައެވެ. ދަރިފުޅު އެންމެ ފުރަތަމަ ދުނިޔެއަށް އައުމާއެކު އެރޯލާ ރޯލުމުން ހިތައް ވެރިވަނީ ކޮންކަހަލަ އުފާވެރިކަމެއް ބާވައެވެ؟ ޖަވާބެއް ނުލިބެއެވެ. އެއްވެސް މީހަކާއި އެސުވާލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެނގޭކަމަކީ އެއީ ފޮނި އުފާވެރި ދުވަސްތަކެއްކަމެވެ.

އެއީ ﷲ ދެއްވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއްނިޢުމަތްކަމެވެ. އިންޝާ ﷲ ދާދި އަވަހަށް އެކަލާނގެ އަހަރެންނަށްވެސް އެނިޢުމަތް ދެއްވަވާނެއެވެ. ކުރެވެނީ އަދަދުނެތް ދުޢާއެވެ. އެދެނީ ތިޔަފަރާތުގެވެސް އިމެއްނެތް ދުޢާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް