ގަވާއިދާ ހިލާފަށް ޕާކްކުރާ އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހަނީ އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ޕާކް ކުރާތީ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވުމަށް މިނިސްޓަރު ވަނީ މިއަދު މަޖިލީހަށް ވަޑައިގެންފައެވެ. ޖާބިރު ކުރައްވާފައި ވަނީ ސްޓިކާ ޖަހާ މައްސަލައާއި ގުޅޭ ސުވާލެވެ.
ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސްޓިކާ ޖަހަނީ ޤަވާއިދާ ހިލާފަށް ޕާކު ކުރާތީ ކަމުގައެވެ. ހިތުހުރިގޮތަކަށް ޕާކް ކުރާތީ ރާއްޔިތުންނަށް ވަރަށް އުނދަގޫވާ ކަމަށާއި، ޖާކަ ހުއްޓަސް ގިނަ މީހުން ޕާކު ކުރަން ބޭނުންވަނީ ދާ ތަނެއްގެ ކުރިމަތީގައި ކަމަށެވެ. އަދި ރައްޔިތުންގެ އާންމު މަސްލަހަތު އޮތް މިފަދަ ކަމެއްގައި ފިޔަވަޅު ނާޅައިފިނަމަ ގެއްލުން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނީ ކޮންކަމެއްތޯ ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މިހާރުވެސް ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި ޕާކިންގ ޒޯންތައް ހަދާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި 15000 ސައިކަލާއި 400 ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓީކާ ޖަހަނީ މިސްކިތްތަކުގެ ދޮރުމައްޗާއި، ކަފިހިހުރަސްތަކާއި، ސްކޫލުތަކުގެ ދޮރުމައްޗާއި، ހޮސްޕިޓަލްތަކަށް ވަދެ ނިކުމެވާ ސަރަހައްދާއި، ބެންކުތަކުގެ ކުރިމައްޗާއި، ތާރު އަޅާފައިވާ ސަރަހައްދާއި، ފުލުހުން ކޯން ނުވަތަ ބެރިކޭޑު ޖަހާފައި ހުރި ތަންތަނާއި، ޑަބަލް ލައިން ދަމާފައި ހުރި ތަންތަނުގައި ޕާކު ކުރާ ފަރާތްތަކުގެ އުޅަނދުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަކުރާރުކޮށް މިނިސްޓަރު ނަހުލާ ވިދާޅުވީ، ޕާކިންގ ސްޓިކާ ޖަހަނީ ޤަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް