ޓެކްސީ ޚިދުމަތްތަކާ ދޭތެރޭ ހިތްހަމަޖެހޭތަ؟

ޓެކްސީތަކާއި ޑްރައިވަރުންނާއި ޓެކްސީ ކުރާ އަގުތަކުގެ ވާހަކަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެންމެ ބޮޑަށް ވިސްނަން ޖެހެނީ އެމީހުންދޭ ޚިދުމަތުގެ ފެންވަރަށެވެ. އެމީހުން ދޭ ޚިދުމަތާއި ދޭތެރޭ ރައްޔިތުން ...

07 Aug 2019 | 04:55

ޓެކްސީތަކާއި ޑްރައިވަރުންނާއި ޓެކްސީ ކުރާ އަގުތަކުގެ ވާހަކަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެންމެ ބޮޑަށް ވިސްނަން ޖެހެނީ އެމީހުންދޭ ޚިދުމަތުގެ ފެންވަރަށެވެ. އެމީހުން ދޭ ޚިދުމަތާއި ދޭތެރޭ ރައްޔިތުން ހިތްހަމަޖެހޭތޯއެވެ. އެހެންކަމުން ބައެއް އާމުންނާއި އަޅުގަނޑު ވާހަކަ ދައްކައިލީމެވެ.

"ވަރަށް ކަޑަ. ދާން ބޭނުންވާ ތަނަކަށް ގަޑި ޖެހޭއިރުވެސް ޓެކްސީ އެއް ނުލިބިގެން ހުންނަން ޖެހޭ" މަގުމަތިން ދިމާވި ކުއްޖަކު ކައިރީ އަހައިލުމުން ބުންޏެވެ.

އިތުރު މީހަކާއި ސުވާލުކޮށްލުމުން ބުނީ، ބައެއް ޑްރައިވަރުން ވަރަށް ރަގަޅު ކަމަށާއި، އަނެއްބައި މީހުން ވަރަށް ހަޑިކޮށް ވާހަކަދައްކާ ކަމުގައެވެ. އަދި އަތް ނަގާ ނަގާ ވަރުބަލިވާއިރުވެސް ޓެކްސީ އެއް ނުލިބޭ ކަމުގައެވެ. އަދި ސެންޓަރަކަށް ގުޅައިފިނަމަ އެތައް އިރަކު ލައިނުގައި މަޑުކުރަން ޖެހޭކަމުގައެވެ. ނަމަވެސް އެޕްލިކޭޝަން އިން ޓެކްސީ ހޯދަން ވަރަށް ފަސޭހަ ކަމުގައެވެ.

ނަމަވެސް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުވި ސިޓީ އެއްގައި ބުނެފައި ވަނީ، ސެންޓަރުތަކުން މިހާރުވެސް ރައްޔިތުންނަށް ރަގަޅު ފެންވަރެއްގައި ޚިދުމަތް ދެމުން އަންނަ ކަމަށާއި، އެ އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި، ރާއްޖެއަށް ޓެކްސީ އެޕްލިކޭޝަނެއް ބޭނުމެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރުން އާމުންނާއި ދޭތެރޭ ކަންތައްކުރާގޮތުގެ ޝަކުވާ ވަރަށް ގިނައެވެ. ހުސްކޮށް ދާއިރު މަޑު ނުކުރުމާއި، މަޑުކުރުމަށްފަހު ދާ ތަން ބުނުމުން ނުދެވޭނެއޭ ބުނެ ދިއުން ފަދަ ކަންތައްތަކެވެ. މީހަކު ނެތް ނަމަވެސް ރަތް ބޯޑު ދިއްލައިގެން ދިއުމާއި، އެތެރޭގައި މީހަކު އިންދައި ހުއްދަ ނާހައި އިތުރު މީހުން އެރުވުން ފަދަ ޝަކުވާތައް އަބަދުވެސް އާމުން ކުރެއެވެ. އަދި ޚާއްސަކޮށް ސެންޓަރުތަކަށް ގުޅައިގެން އެތައް އިރަކު އިންނަން ޖެހޭކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ.

މިކަމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރަކާ ސުވާލުކޮށްލުމުން ބުނީ، އާމުން ފޮނީ ކަމަށާއި، އަހަރެމެންގެ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުވާނެ ކަމުގައެވެ.

ޓެކްސީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާ އަގުތަކެއް ކަނޑައަޅާފައެވެ. ފުރަތަމަ އެކަމާ ޑްރައިވަރުން ދެކޮޅު ހެދި ނަމަވެސް މިހާރު އެކަމާ ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް