ގެއްލުވާލާފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވަކި ފަރާތަކަށް ނުޖެހޭ ހާމަކަންބޮޑު ތަހުޤީޤެއް ބޭރުގެ ފަރާތެއް މެދުވެރިކޮށް ކުރުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފިއެވެ. ރިލްވާން ގެއްލުވާލިފަހުން 4 އަހަރު މާދަމާ ވާތީއާއި ދާދިފަހުން ކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އާއިލާއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މިމައްސަލާގައި ދާދިފަހުން ގާޒީ އާދަމް އާރިފް ކުރައްވާފައިވާ ހުކުމަށް ރިޢާޔަތްކޮށް، މި ތަހުޤީޤުގައި އެކަމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ދައުލަތުގެ ފަރާތުން މިކަމުގައި ބައިވެރިވެ، ކަންކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ މީހުން ހޯދުމަށް އިލްތިމާސްކުރާކަމަށެވެ.
ރިލްވާން ގެއްލުވާލިތާ 4 އަހަރު ވެގެންދާއިރު ، ރިލްވާނަށް ވީގޮތެއް އެނގުމާއި ގާތަށްވެސް ދެވިފައިނުވާކަމަށް އާއިލާއިން މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. ރިލްވާން ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަންވެސް އާއިލާއަށް ނޭންގޭއިރު ، މި އަނިޔާވެރި އަމަލު ހިންގި މީހުން މިނިވަންކަމާއެކު އުޅެމުންދާކަމަށް މި ބަޔާނުގައި އާއިލާއިން ވަނީ ބުނެފައެވެ.
" ރިލްވާން ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މި އޮގަސްޓްމަހުގެ 2 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހުކުމް އިއްވަމުން ގާޒީ އާދަމް އާރިފު، މިމައްސަލަ ތަހްޤީޤުކުރުމުގައި "ނުކޮށް ދޫކޮށްލެވިގެން ނުވާނެ ކަންކަން ދޫކޮށްލާފައިވާ " ކަމަށް ވިދާޅުވިކަމީ، ވޭތުވެދިޔަ ހުރިހައި ދުވަހު ފުލުހުންގެ އިހުމާލު މިކަމުގައި އޮތްކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނުކަން އިތުރަށް ސާފުވެގެންދާ ކަމެކެވެ. އަދި ފުލުހުންގެ ތަހްޤީޤަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުން ކުރި ކަމެއްކަމަށް ސާބިތުވެއެވެ." ރިލްވާންގެ އާއިލާއިން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.
ރިލްވާން ގެ އާއިލާއިން ބުނީ މިމައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވެފައިވާ އިހުމާލުގެ މައްސަލައިގައި ދައުވާކުރާނެކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކޮށް އިންސާފުގެ މަގަށް ހުރަސްއެޅި ދައުލަތުގެ ފަރާތްތައް ހޯދުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ. އަދި މިއަނިޔާވެރި އަމަލުގައި ބައިވެރިވާ ހުރިހާ އެންމެން ހޯދައި، އެމީހުންގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.
މި ނާއިންސާފާ ދެކޮޅަށް މާދަމާ އަޑުއުފުލުމަށް 4:00 ޖަހާއިރު ރިލްވާންގެ އާއިލާއިން ނިކުންނާނެކަމަށް މި ބަޔާނުގައި ވެއެވެ. އަދި މިހިނގާލުމުގައި އެންމެހައި ބޭފުޅުން ބައިވެރިވުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ. ކިތަންމެ ދުވަހެއް ވިޔަސް ރިލްވާންއަށް އިންސާފު ލިބެންދެން މަސައްކަތް ކުރާނެކަމަށާއި އެމަސައްކަތް ހުއްޓާނުލާނެކަމަށް މި ނޫސްބަޔާނުގައި ރިލްވާންގެ އާއިލާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް