ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވައިދެއްވައިފިއެވެ.
ފަރެސްމާތޮޑާގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މިއަދު ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 900 ފޫޓު އަދި ފުޅާމިނުގައި 300 ފޫޓު ހުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ގައްދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްސްތައް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް