ރިޟްވާން ވަނީ ނިޔާވެފައި ،އެކަމާ ޝައްކެއް ނެތް- ރައީސް ޔާމީން

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ވަނީ ނިޔާވެފައިކަމަށާއި އެކަމާ ޝައްކެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ. ގދ. މަޑަވެލީގެ ބަނދަރާއި ގޮނޑ...

07 Aug 2018 | 07:21

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ވަނީ ނިޔާވެފައިކަމަށާއި އެކަމާ ޝައްކެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ. ގދ. މަޑަވެލީގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު މިއީ ރަސްމީ ފަރާތަކުން ރިޟްވާން މަރުވެފައިވާކަން އިއުލާންކުރި ފުރަތަމަ ފަހަރެވެ

ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވާފައިވާ ބަޔާނަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އޭގައި ވަނީ ބުހުތާން ދޮގުކަމަށެވެ. އަހުމަދު އަދީބު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކެބިނެޓް ފެންވަރުގައި ރިލްވާނުގެ މައްސަލަ ބަލަން އުޅެނިކޮށް ރައީސް ޔާމީން އެކަން ހުއްޓުވާފައިވާ ކަމަށެވެ. މިއަދު ރައީސް ޔާމީން އަދީބުގެ ބަޔާނަށް ރައްދު ދެއްވައި އެވާހަކަތައް ވަނީ ދޮގުކުރައްވާފައެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މިކަހަލަ ބުހުތާނު ދޮގު. ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން މިކަހަލަ ވާހަކަ ދެއްކީމަ އެ ވާހަކަ ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ ހުރިހާ ފެންވަރެއްގައިވެސް ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ "މިއުޅެނީ މީހަކު މަރުވެގެން" ކަމަށެވެ. އެކަހަލަ ކަންކަމަކީ ދައުލަތަކަށް ބޮޑުވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިލްވާނުގެ މައްސަލައިގައި ކެބިނެޓް ފެންވަރުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަކީ ފެށުނީއްސުރެ ފުލުހުން ކުރާ ތަހުގީގެއް. މިހާރުވެސް ފުލުހުން އެ ތަހުގީގުކުރަމުން އެބަދޭ. އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެހެލެން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކެބިނެޓް ފެންވަރުގައި އެ މައްސަލަ ބަލާނީ ކިހިނެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ. ރައީސް ޔާމީން ވިދާޅުވީ ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ "ރައީސް ޔާމީންގެ ލޯންޗު ގޮއްވާލަން އަހުމަދު އަދީބު ކުރި މަސައްކަތް ތަހުގީގުކުރުން" ކަމަށެވެ.

މީހުންގެ މަރުގެ މައްސަލަ ކެބިނެޓުން ނުބަލާނެ ކަމަށާއި އެއީ ފުލުހުންގެ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިއަދުވެސް އެއަށް ޖަވާބުދާރީ ވާނެ ކަމަށެވެ.

ރިލުވާންގެ މައްސަލާގައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ރައީސް މިހެން ވިދާޅުވެފައިވާއިރު ، މިމައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންވެސް ވަނީ ކުށް ސާބިތުނުވެގެން ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް